ޚަބަރު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް "މެރަނާ"ގެ ނަމުގައި ހެލްތު ސްކީމެއް ތަޢާރަފް ކޮށްފި


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން ލުއި ފަސޭހަގޮތެއްގައި ސިއްޙީ ޚިދުމަތް ލިބިދިނުމުގެގޮތުން "މެރަނާ"ސްކީމްގެ ނަމުގައި ސްކީމެއް ތަޢާރަފްކޮށްފިއެވެ.

މި ސްކީމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެކިކަންކަމުގައި ލުއިފަސޭހަ ގޮތްތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުގެ ދަށުން ހަމަޖެއްސެވި ޚިދުމަތެކެވެ.

މިސްކީމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޑިޔާއާއި ސްރީލަންކާއާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން މަދުވެގެން 6 މަސްދުވަހުގެ ވިސާ ލިބިފައިވާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ބިޒްނަސް ވިސާ ނުހިމެނޭކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެެއެވެ.

"މެރަނާ"ސްކީމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން ދޭ ޚާއްސަ ޚިދުމަތެއްކަމަށްވާތީ މިސްކީމްގައި ހިމެނޭނީވެސް އާސަންދާއިން ލިބިދޭ ޚިދުމަތްތަކެވެ. މިސްކީމްގައި ރަޖިސްޓްރީ ކުރުމާގުޅޭ ގޮތުން އިންޑިޔާއާއި ސްރީލަންކާގައިވަނީ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.
މިހާތަނަށް ސްރީލަންކާއިން، މި ސްކީމްގައި ދެ ހާސް ތިރީސް އަށް މީހަކު ރަޖިސްޓަރީވެފައިވާއިރު މެލޭޝިޔާއިން ހަތަރު ސަތޭކަ ހަތްދިހަ ނުވަ މީހުން އަދި އިންޑިޔާއިން ސަތޭކަ ހަތްދިހަ ތިން މީހަކު ރަޖިސްޓްރީ ކޮށްފައިވެއެވެ.

އިންޑިޔާއާއި ސްރީލަންކާގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކުން މި ޚިދުމަތް ލިބޭނެއެވެ. މެލޭޝިއާގައި ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭގައި މިޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އާސަންދަ ކުންފުނިން މަޢުލޫމާތުދެއެވެ.