ވިޔަފާރި

އަންނަ ހޯމަ ދުވަހުން ފެށިގެން، އިމްޕޯޓް، އެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ހަދައިފި


އަންނަ ހޯމަ ދުވަހުން ފެށިގެން، އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭގޮތަށް ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ މުދާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމާއި ރީއެކްސްޕޯޓްކުރުމުގެ ގަވާއިދަށް ގެނެވުނު އިޞްލާޙުތަކާއި ގުޅިގެން އައި ބަދަލެކެވެ.

އެގޮތުން މިހާރު، ރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ، އަދި ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީ ކުރެވިދާނެއެވެ.

މިގޮތަށް އޮތްނަމަވެސް ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ.

އިމްޕޯޓް އެކްސްޕޯޓް ޤަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީ އެކްސްޕޯޓް ކުރާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ އަގުގެ ކޮންމެ ސަތޭކަ ރުފިޔާއަކަށް ދިހަ ލާރީގެ މަގުން ރެވެނިއު ސްޓޭމްޕުގެ އަގަށްވާ ފައިސާ މީރާއަށް ދައްކަން ޖެހެއެވެ.

މުދާ ރީއެކްސްޕޯޓް ކުރެވޭނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ އަދި އެ ފަރާތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއް ވެވިފައިވާ ފަރާތްތަކަށްކަމަށް ގަވާއިދަށް ގެނެވުނު އިޞްލާޙުތަކުގައިވެއެވެ.