ޚަބަރު

އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއިއެކު ރާއްޖޭގައި ރާޒުވާ އިތުރު ހަރުފަތަކަށް ގެންދެވޭނެ - ޝިޔާން



އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއިއެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ރާއްޖޭގެ ޗެސް އެސޯސިއޭޝަންގެ ރަޢީސް ހުސައިން ޝިޔާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ރާޒުވާ ކުރިއެރުވުމަށް އޯލް އިންޑިއާ ޗެސް ފެޑެރޭޝަނާއިއެކު ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ވާހާކަ ދައްކަމުން ޝިޔާން ވިދާޅުވީ، މިއީ ރާއްޖެގައި ރާޒުވާ ކުރިއަރުވައި ވަރުގަދަ ކުޅުންތެރިންތަކެއް އުފައްދަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ އެހީއާއިއެކު ރާއްޖޭގައި، ދުނިޔޭގެ ރާޒުވާ މައި އިދާރާ (ފިދޭ)ގެ ސެޓިފައިޑް ޑެވެލޮޕްމަންޓް ޓީމެއް އުފައްދައި، އަލަށް އެކުލަވާލި ޒުވާން ގައުމީ ސްކޮޑަށާއި ސީނިއާ ކުޅުންތެރިންނައްވެސް ކޮލިޓީ ތަމްރީންތަކެއް ހޯދައިދެވޭނެ ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވީ ރާއްޖޭގައި ރާޒުވާގެ ވާދަވެރި މުބާރާތްތައް ނުބޭއްވި އޮތް މައިގަނޑު އެއް ސަބަބަކީ ފިދޭގެ ސެޓިފައިޑް ޓްރެއިނަރުންނާއި ޑެވެލޮޕްމަންޓް ޓީމެއް ނެތުން ކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއައް އޮތްތާގައި ޤައުމީ މުބާރާތްތައް ވާދަވެރި ގޮތެއްގައި ބާއްވަން މަސައްކަތް ކުރާނެ ކަމަށްވެސް ޝިޔާން ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖޭގައި ރާޒުވާގެ ވާދަވެރި ގައުމީ މުބާރާތްތަށް ނުބޭއްވެމީ ރަނގަޅު ކޮލިޓީގެ ޑެވެލޮޕްމަންޓް ޓީމެއް ނެތުމުން. އެކަމި މި އެމްއޯޔޫގެ ދަށުން އެކަން ވަރަށް ބޮޑަށް ހައްލުވެގެންދާނެ. މީގެ އިތުރުންވެސް މިއީ ރާއްޖޭގެ ރާޒުވާ ކުރިއަރުވަން މިހާތަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު." ޝިޔާން ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ ހިލޭ އެހީގައި ރައްޖެއަށް ފިދޭ ސެޓިފައިޑް ކޯޗުން ހަމަޖައްސައި ދިނުމާއި، އޯލް އިންޑިއާ ޗެސް ފެޑެރޭޝަންގެ މުބާރަތް ތަކުގައި ރާއްޖޭގެ ރާޒުވާ ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން މޯލްޑިވްސް ޗެސް ފެޑެރޭޝަންގެ މުބާރާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.