ޚަބަރު

އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ ރެކޯޑް ރާފިލް މުގުރާލައިފި



އިންޓަ ސްކޫލް ކްރިކެޓް މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ ރެކޯޑް ޣާޒީ ސްކޫލްގެ ޢަލީ ރާފިލް ރައުފް މުގުރާލައިފިއެވެ.

ރާފިލް ރެކޯޑް މުގުރާލީ، މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ކްރިކެޓް މުބާރަތުގެ ފުރަތަމަ މެޗުގައި ޖަމާލުއްދީން ސްކޫލާއި ޣާޒީ ސްކޫލް ވާދަކުރި މެޗުގައެވެ. މިމެޗުގައި ޓޯސް ދިމާވުމުން ޣާޒީ ސްކޫލުން ކުޅެން ނިންމައި އެންމެ ފުރަތަމަ އޯޕަނާސްގެ ގޮތުގައި އެރި ދެ ކުޅުންތެރިންގެ ތެރޭގައި ރާފިލް ހިމެނެއެވެ.

އޭނާ ވަނީ ސޯޅަ ވަނަ އޯވަރުގައި އިންޓަ ސްކޫލް މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. މިރެކޯޑް މީގެ ކުރިން އޮތީ، ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން ހޮވި ފާއިތުވި އަހަރުގެ ކްރިކެޓާ އޮފްދަ އިޔާގެ މަގާމު ހޯދި ޔޫސުފް އަޒިޔާން ފަރްހަތުގެ އަތުގައެވެ. އޭނާ ރެކޯޑް ހެދީ 174 ލަނޑުންނެވެ. ރާފިލް ރެކޯޑް މުގުރާލީ 216 ލަނޑު ހަދައިގެންނެވެ. މެޗުގައި ޣާޒީ ސްކޫލުން ހަދާފައިވަނީ ޖުމަލް 268 ލަނޑެވެ.

ރާއްޖޭގައި ޓީ ޓްވެންޓީ އިންޑިވިޖުއަލް އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ ސީބީއެލްގެ ރިސްވާންގެ އަތުގައެވެ. އެނާ އެ ރެކޯޑް ހެދީ 209 ލަނޑު ހަދައިގެންނެވެ.