ވިޔަފާރި

މި ފަސް އަހަރު ދުވަހުގެތެރޭ ހަނިމާދޫ އެއަރޕޯޓަށް ބައިނަލްއަޤްވާމީ ފްލައިޓުތައް ޖައްސާނެ - ޓޫރިޒަމް މިނިސްޓަރު


ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެތެރޭ ހަނިމާދޫ އެއަރޕޯޓަށް ބައިނަލްއަޤްވާމީ އެއަރލައިންތައް ޖެއްސޭނެގޮތް ހަމަޖައްސަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ބައެއް ތަފާސްހިސާބުތައް އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަތުރުވެރިކަން ތަޢާރަފްކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އުތުރަށް ތަރައްޤީ ގެނައުމަކީ ސަރުކާރުން މިހާރު އިސްނަގައިގެން ކުރަމުންދާ މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ އެކި މަންޒިލްތަކުން ހަނިމާދޫ އެއަރޕޯޓަށް އުދުހުންތައް ފެށޭނޭ އިންތިޒާމް ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑަށް ދަންނަވާލަން ކެރިދާނެ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ނެގްލެކްޓްވެފައި އޮތް އޮތުން. ޑައިރެކްޓްކޮށް، މިހާރު މޯލްޑިވިއަން އެދަނީ އިންޑިއާއަށް އެކަނި، އެހެންނަމަވެސް އެހެން ސަރަޙައްދުތަކުން ހަނިމާދޫ އެއަރޕޯޓަށް ފްލައިޓް ޖައްސާތަން މި ސަރުކާރުން ދައްކަދޭނެ އިރާދަކުރެއްވިއްޔާ" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އުދުހުންތައް އިތުރުކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ސިންގަޕޯރ އެއަރލައިންއާއި ބައްދަލުކޮށް ރާއްޖެއަށް ބާއްވާ އުދުހުންތައް ފުޅާކުރުމަށް މަޝްވަރާކޮށްފައިވާނޭކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބާރުބޮޑުވެ ޖާގަ ނެތުންކަމަށް މިނިސްޓަރ އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އަލަށް ތަރައްޤީކުރަމުންދާ ރަންވޭއާއި ޓާމިނަލް ނިމުމާއިއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނި ކަންތައްތަކުގެ ތެރެއިން ހުރިހާ ކަމެއް ހާސިލްކޮށްފައިވާއިރު ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.