ވިޔަފާރި

"މޯލްޑިވްސް ބިޒްނަސް ޓޯކް"ގެ ފުރަތަމަ ބައްދަލުވުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް!


"މޯލްޑިވްސް ބިޒްނަސް ޓޯކް" ގެ ފުރަތަމަ ބައްދަލުވުން އަންނަ ޖުލައިމަހު ބާއްވާނެކަމަށް މި އިވެންޓް އިންތިޒާމްކުރާ ބްލޭޒަން އިންކުން ބުނެފިއެވެ.

"މޯލްޑިވްސް ބިޒްނަސް ޓޯކް" އަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ދާއިރާތަކުގެ މެދުގައި ބާއްވާ ވިޔަފާރީ ބައްދަލުވުންތަކެކެވެ. ބްލޭޒަން އިންކުން ބުނީ މި ސީރީޒްގެ އެންމެ ފުރަތަމަ ބައްދަލުވުން ކުރިއަށްގެންދާނީ "ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުން" މި މައުޞޫއަށްކަމަށެވެ.

މި އިވެންޓްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވިޔަފާރީގެ އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރިއާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި ދާއިރާގައި ގިނަ ދުވަސް މަސައްކަތްކޮށްފައިވާ ވިޔަފާރިތަކާއި ބައްދަލުވުމުގެ ފުރުސަތު އައު ވިޔަފާރިތަކަށް ހޯދައިދިނުމެވެ. މޯލްޑިވްސް ބިޒްނަސް ޓޯކްގައި ވިޔަފާރިކުރުމުގައި ދިމާވާ ދަތިތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް ބްލޭޒަން އިންކް އިން ބުނެއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ވިޔަފާރީގެ ސިނާއަތުގައި ކާމިޔާބު ކުންފުނިތަކުން ކޮންފަރެންސްތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް ބިޒްނަސް ޓޯކްސް" ގައި ބައިވެރިވުމުގެ ފުރުސަތު 200 ފަރާތަކަށް ދިނުމަށް ނިންމާފައިވާއިރު، ކޮންމެ ކުއަރޓަރއެއްގައި ނެރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ބިޒްނަސް ރިވިއު" މެގަޒިން ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދެވަނަ އެޑިޝަން އިޢުލާންކުރުންވެސް އޮންނާނެކަމަށް ބްލޭޒަން އިންކުން ބުނެއެވެ.

"މޯލްޑިވްސް ބިޒްނަސް ޓޯކްސް" އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" ހަފްލާގެ ތެރެއިންނެވެ.