ޚަބަރު

އަންހެނުންގެ ޚިދުމަތް ފާހަގަކުރުމަށް ދޭ ޚާއްސައެވޯޑު ދޭން ތައްޔާރުވެއްޖެ


"ވުމަން އިން މެނޭޖްމަންޓް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިޔަރ ވުމަން އެވަރޑް 2019" އިފްތިތާޙުކޮށްފިއެވެ.

"ވުމަން އިން މެނޭޖްމަންޓު"އިން ދޭ މި އެވޯޑުގެ މަޤުސަދަކީ އެކި ދާއިރާތަކުން ޤައުމަށާއި އެހެން މީހުން ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރަމުން އަންނަ އަންހެނުންގެ އަގުވަޒަންކުރުމަށް ދެމުންއަންނަ އެވޯޑެއްކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

"ވުމަން އިން މެނޭޖްމަންޓު"ގެ ރައީސް މިންހާ ފާއިޒް ވިދާޅުވީ މިފަހަރުގެ އެވޯޑު 30 ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިފަހަރުގެ އެވޯޑު 5 ދާއިރައަކުން ދިނުމަށް ހަމަޖެހިފައިވާކަމަށް މިންހާ ވިދާޅުވިއެވެ. މި އެވޯޑަށް ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 15އިން އަންނަ މޭއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެވޯޑް ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13ވަނަ ދުވަހުކަމަށްވެސް މިންހާ ވިދާޅުވިއެވެ.

މީގެ ކުރިން ޢާއްމުކޮށް ބަލައި ނުގަންނަ ނުވަތަ ފާހަގަނުކުރާ، އަންހެނުން މަސައްކަތްކުރާ ދާއިރާތަކުންވެސް އެވޯޑުތައްދީ އެދާއިރާތަކުން އަންހެނުން ހޯދަމުން އަންނަ ކާމިޔާބީ "ވުމަން އިން މެނޭޖްމަންޓު"އިން ފާހަގަކުރަމުން ދެއެވެ.

އަންހެނުން ބާރުވެރިކުރުވުމަށް އެޖަމްޢިއްޔާއިން ކުރަމުންދަ މަސައްކަތުގެ ދަށުން މިއީ މިއެވޯޑު ރާއްޖެގައި ދޭ 2ވަނަ ފަހަރެވެ. މިދިޔަ އަހަރު ވަނީ އެކި ދާއިރާތަކުން 25 އަންހެނަކަށް އެވޯޑު ދީފައެވެ.