ތަޢުލީމު

ރާއްޖޭގައި ޤާބިލު އަންހެނުން އެބަތިބި - ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ- ރައީސް


ދިވެހިންގެ ހޭލުންތެރިކަމާއި ތަޢުލީ ޤާބިލުކަމަށް ބަލާއިރު ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ޤައުމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމު ކުރިއެރުވުމުގައި އަންހެނުންގެ ހިއްސާ އެކި ދާއިރާތަކުގައި އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، މި ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ 4 އަންހެނުން އިންތިޚާބުވިކަން ފާހަގަކުރައްވާ، ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިއަށްވުރެ އިތުރުވާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ މަޤާމުތައް އަދާކުރެވޭ ފެންވަރުގެ ދިވެހި އަންހެނުން ރާއްޖޭގައި ވަރަށް ގިނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމު ޙާސިލުކޮށްގެންތިބި ޤާބިލު މީހުން ތިބިނަމަވެސް، އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާއެކު ކަންކަން ކުރާނެ މީހުން މަދުކަމަށެވެ. ރައީސް ވަނީ ދަސްވެނިވުނު ދަރިވަރުންނަށް ލިބިފައިވާ ޢިލްމާ އެއްވަރަށް ބުއްދި ތަރައްޤީ ކޮށް، އިލްމީ ޤާބިލު ޝަހުސިއްޔަތުތަކަށް ވުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެ ޝަޚުސިއްޔަތަކީ އަނެކުންނަށް އޯގާތެރިވެ ކަމޭހިތާ އަނެކުންގެ އިހުސާސްތައް ދަންނަ، ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ އަދުލުވެރި ޝަހުސިއްޔަތަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓިއަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މުހިއްމު ހިއްސާއެއްކަން ފާހަގަކުރައްވާ ރައިސްވަނީ ދިރާސީ ޢިލްމު ކުރިއެރުވުމަށް އެ ޔުނިވަރސިޓީން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ދިރާސީ ޢިލްމު އޮތް ޙާލަތު ހަރުދަނާކޮށް ރާއްޖޭގެ މުޅި ތަޢުލީމީ ނިޒާމުގެ ފޭރާން ރަނގަޅުކުރުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.