ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ޖޫންމަހު ފަށަނީ!


ޖޫންމަހުގެ ތެރޭގައި މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަންޓާ އެއަރގެ ޑައިރެކްޓަރ ފްލައިޓް އޮޕަރޭޝަންސް ހަސަން ހަނީފް ވިދާޅުވީ، ޖޫންމަހުގެ ތެރޭގައި ސީޕްލޭންގެ ޙިދުމަތްތައް ފެށުމަށް ތައްޔާރުވަމުންއަންނައިރު އެންމެ ފުރަތަމަ ސީޕްލޭން ޙިދުމަތް ފަށާނީ އެ ކުންފުނީގެ ވައިގެ ދަތުރުތައް ފެށި މަންޒިލްކަމަށްވާ ދ. ކުޑަހުވަދޫއަށް ކަމަށެވެ. އެއަށްފަހު އެހެން މަންޒިލްތަކަށްވެސް ސީޕްލޭންގެ ޙިދުމަތް ފުޅާކުރާނެކަމަށް ހަސަން ހަނީފް ވިދާޅުވިއެވެ.

"ޖޫންމަހުގެ ފަހުކޮޅު ނޫނީ ކުރީކޮޅަށް އަޅުގަނޑުމެން ޓާގެޓް މިކުރަނީ. ސީޕްލޭންވެސް އެންމެ ފުރަތަމަ އޭޓީއާރު ފެއްޓިގޮތައް ކުޑަހުވަދޫއަށް ޓާގެޓް ކުރަނީ ފުރަތަމަ ފެށުމަށް" ހަސަން ހަނީފް ވިދާޅުވިއެވެ.

މަންޓާ އެއަރގެ ތިންވަނަ އެއަރކްރާފްޓް ރާއްޖެ ގެނައުމަށްޓަކައި ބޭއްވި ހަފްލާގައި އެކުންފުނިން ވަނީ ރާއްޖޭގެ 5 ސީޕްލޭން ޕައިލެޓުންނަށް އޭ.ޓީ.އާރުގެ އެންމެފަހުގެ މަތިންދާބޯޓު ދުއްވުމަށް ޓްރެއިންގ ދިނުމަށް ޚާއްސަ ސްޕޮންސަރޝިޕެއްވެސް ހަދިޔާކޮށްފައެވެ. މަންޓާ އެއަރގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 6 ސީޕްލޭން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ. ކުޑަހުވަދޫ އަދި ބ. ދަރަވަންދޫ އެއަރޕޯޓަށެވެ. ނަމަވެސް ކުންފުނީގެ އަމާޒަކީ މި ދަތުރުތައް ރާއްޖޭގެ ހުރިހައި މަންޒިލްތަކަކަށް ފުޅާކުރުންކަމަށް މަންޓާއެއަރ އިން ބުނެއެވެ.