ޚަބަރު

ހުޅުމާލެ ބަސް ދަތުރުތައް މާލޭގެ އިތުރު ސަރަހައްދަކަށް


މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެމްޕީއެލްއިން ބުނެފިއެވެ. އެމްޕީއެލްއިން ބުނީ މާލޭ ވަށަމަގުގެ އިތުރު ދެ ސަރަހައްދެއްގައި ބަސް ސްޓޮޕްތައް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

މާލޭގެ އިތުރު ރޫޓަކަށް މާލެ-ހުޅުމާލެ ބަސް ދަތުރުތައް ފެށުމަށް ކުރަމުދާ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޙައްމަދު މަޙްޖޫބު ވިދާޅުވީ އަލަށް ހަދާ ބަސް ސްޓޮޕްތައް ހެދުމަށް ހަމަޖެހިފައިވަނީ ބުރިޖު ވިއު ޕްލެޓްފޯމް ހުންނަ ސަރަހައްދާއި ނަސަންދުރާ ކައިރީގައި ކަމަށެވެ. އަދި މި ބަސް ސްޓޮޕްތަކަށް ދަތުރުތައް ފެށުމަށްޓަކައި ބަސް ދަތުރުކުރާނެ މަގުތައް ކަނޑައަޅައި ފާހަގަތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަހްޖޫބް ވިދާޅުވިއެވެ.

އެމްޕީއެލް އިން ބުނީ މާލެއާއި ހުޅުލެއާ ދެމެދު މިހާރުވެސް ބަސް ދަތުރުތައް އޮންނަ ގޮތަށް، މި ބަސް ސްޓޮޕްތަކަށްވެސް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުކުރާނެ ކަމަށެވެ. އަދި ދަންވަރު 12އާއި 12:30ގައި އޮން ބަސްވެސް މި ރޫޓުން ދަތުރުކުރާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި ކުރިއަށް އޮތްތާނގައި ބަސް ދަތުރުތަކުގެ ވަގުތު އިތުރުކުރުމަށް ވިސްނާފައިވާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި ރޯދަ މަހު ބަސް ދަތުރުކުރާ ގަޑިތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށާ އެ ބަދަލުތައް ފަހުން އާންމު ކުރާނެ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލްއިން މިހާރު ބަހުގެ ޚިދުމަތް ދެމުން އަންނަނީ ބުރިޖުން ފެށިގެން ވަށަމަގުން ގޮސް ގްރޭޓަރ މާލޭ ބަސް ޓަރމިނަލާ ހަމައަށެވެ. އެ ރޫޓުން ދަތުރުކުރާ ބަސްތައް 3 ބަސް ސްޓޮޕަކަށް މަޑުކުރެއެވެ.

އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދޭންފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަހުގެ ޚިދުމަތުން އެއްވެސް އަގެއް ނެގުމެއްނެތި ޚިދުމަތް ދިނުމަށްފަހު، ބަހުން ރުފިޔާނަގަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ. ބަސް ދަތުރުގެ ފީގެ ގޮތުގައި ނަގަނީ 10 ރުފިޔާއެވެ.

އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދިނުމަށްޓަކައި 22ބަސް ގެނެސްފައިއެވެ. މީގެތޭރޭބައި ޑަބަލް ޑެކާ ބަސްތައްވެސް ހިމެނެއެވެ.

ބަހުގެ ޚިދުމަތް ފުޅާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރިއިންވަނީ މާލެތެރޭގައި ދުއްވުމަށް މިނީ ބަސް ތާރަފްކުރުމަށްވެސް ނިންމާފައެވެ.