ޚަބަރު

"އެޖެންޑާ 19"އަށް ފާޑުކީ މީހުންވެސް، މިއަދު ކުރަނީ ތާރީފް


ރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ އެމް.ޑީ.ޕީއަކީ އެޕާޓީން ވާދަކުރާ އިންތިޚާބުތަކުގައި އަބަދުވެސް ތަފާތު ޝިޔާރުތަކާއި ނަންތައް ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ހިންގާ ޕާޓީއެކެވެ. އެމްޑީޕީން ބޭނުންކުރާ ކެމްޕެއިން ޝިޔާރުތަކާއި އޭގެ ޢިބާރާތްތަކަކީ އާންމުންގެ ތެރޭގައި އަދި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފި ޢިބާރާތްތަކަށް ވެއެވެ.

"އަނެއް ދިވެހިރާއްޖެ" "ބާރުތައް ވަކިކުރުމަށް ތިލަތަފަތަށް ވޯޓެއް" "ތާހިރު ދިރިއުޅުމަކަށް"، "ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް" "އެއްބުރުން" "ޖަޒީރާ ރާއްޖެ" އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި އެޕާޓީން ބޭނުންކުރީ "އެޖެންޑާ 19" ވެސް ވެގެންދިޔައީ ޢާއްމުންގެ ތެރޭގައި އެ ޢިބާރާތްތައް އަދިވެސް ހިނގާ މަޝްހޫރު ނަންނަމަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީގެގޮތުގައި މިހާރު އޮތް އެމް.ޑީ.ޕީން ބުނާ ގޮތުން އެޕާޓީން މަޖިލިސް އިންތިޚާބާ ދިމާކޮށް ޕްރޮމޯޓުކުރި "އެޖެންޑާ 19" އަކީ ޤާނޫނުތަކަށް އިސްލާޙު ގެނައުމާއި އަލަށް ހަދަންޖެހޭ ޤާނޫނުތަކާއީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އެކުލެވޭ ފަސް އޮނިގަނޑެއްކަމަށެވެ.

އޭގެ ދަށުން 19ވަނަ ރައްޔިތުންގެ މަޖިލީހަށް އެޕާޓީގެ ފަރާތުން ވަދެވަޑައިގަންނަވާ މެންބަރުން ޤައުމައް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައުލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ރާއްވަވާފައި ވެއެވެ.

އެމް.ޑި.ޕީން ކެމްޕެއިން ތަކުގައި ބޭނުންކުރާ މިފަދަ ތީމް ތަކަށް މީގެ ކުރިންވެސް އެހެން ސިޔާސީ ޕާޓީތަކުން އެ ތީމް ތަކުގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ނޫން ސިއްރު އެޖެންޑާއެއް އޮތްކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ބައެއް ވާހަކަފުޅުތަކާއި އެފަދަ ތީމް ތަކާއި ގުޅުވައިގެން ހަޖޫވެސް ޖަހައެވެ. އެގޮތަށް މިފަހަރުވެސް "އެޖެންޑާ 19" ބޭނުންކޮށްގެން ކެމްޕެއިން ހަރަކާތްތައް ފެށުމާއެކު ފާޑުކިއުންތައް އަމާޒުވިއެވެ.

އެޖެންޑާ 19އަށް އެންމެ ފުރަތަމަ ވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. ޤާސިމް ވަނީ އެޖެންޑާ 19ގެ ނަމުގައި އެމް.ޑީ.ޕީން މަސައްކަތްކުރަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްކަމަށާއި، އެއީ ވަކި މަގުސަދެއް ޙާސިލުކުރުމަށް އެމް.ޑީޕީން ޕްރޮމޯޓްކުރާ ނަމެއްކަމަށް ވިދާޅުވެ ބަހުގެ އެތައް ހަމަލާއެއް އެމްޑީޕީއަށް އަމާޒުކޮށް ފައެވެ. އަދި "ޖަޒީރާ ރާއްޖެ" މިތީމާށްވެސް ޤާސިމް ފާޑު ވިދާޅުވެ، "މިއީ ހަމައެކަނި ދިވެހި ރާއްޖެ" ކަމަށާ، ކޮން ޖަޒީރާ ރާއްޖެއެއްތޯ ވިދާޅުވެ އެތައް ސުވާލެއް އުފައްދަވާފައިވެއެވެ.

ޤާސިމްގެ އިތުރުން ކުރީގެ ނާއިބު ރައީސް އަދި ޖުމަހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ޑރ.ޖަމީލުވެސް ވަނީ ކެމްޕެއިން ދުވަސްވަރު އެޖެންޑާ 19 އަކީ "ބޮޑު ގޯހެއް"ގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ.ޖަމީލް ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ނިޒާމް މިހާރު އޮތްގޮތް ބަދަލުކޮށް އިތުރަށް އިސްލާހު ކުރުމަށް އެމް.ޑީ.ޕީން ގެންގުޅެނީވެސް ރަނގަޅު ވިސްނުމެއް ކަމަށާއި، ނަމަވެސް އެ ޕާޓީގެ އެޖެންޑާ 19ގައި އެކަންކުރަން ވިސްނާފައި އޮތީ ރަނގަޅަށް ނޫންކަމަށް ޖަމީލު ތުހުމަތުކުރެއްވިއެވެ. އެޖެންޑާ 19ގެ ސަބަބުން ޝަރުއީ ނިޒާމް މިހާރު އޮތް މިންވަރަށް ވުރެ ނުރަނގަޅު ވެދާނެ ކަމަށްވެސް ޑރ.ޖަމީލް ތުހުމަތުކުރެއްވިއެވެ.

ޕީ.އެސް.އެމުން ގެނއސްދިން މަޖިލިސް ބަހުސް 2019ގައި "އެޖެންޑާ 19"އަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ކުރިން ފޭދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވީ، އެޖެންޑާ 19އަކީ ސިޔާސަތުތަކެއް ކަމަށްވާނަމަ އެސިޔާސަތުތަކަކީ ބޮލުގައި ރިއްސައިގެން ދިޔައީމަ ދޭ ބޭސް ގުޅައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހަށް މެންބަރުން ދާންވާނީ އެމްޑީޕީގެ ސިޔާސަތު ހިންގުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދީގެން ހޮވައިފައިވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޔާސަތުތައް ހިންގުމަށް ކަމަށާއި، ކުރީގެ ރައީސް ނަޝީދު ވިދާޅުވާ، އެޖެންޑާ 19 މަޖިލީހަށް ހިފައިގެން ގޮސް ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

މަޖިިލިސް ބަހުސްގެ ތެރެންއިންވެސް އެމް.ޑީ.ޕީގެ ކެނޑިޑޭޓުން "އެޖެންޑާ 19 ގެ ވާހަކަތައް ހިއްސާކުރުމުން ދެން ތިއްބަވާ ކެނޑިޑޭޓުން އެކަމަށް ފާޑު ވިދާޅުވެ، ވާހަކަދެއްކެވިތަން ފެނިގެންދިޔައެވެ. މީގެތެރޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، އިދިކޮޅު ޕީ.ޕީ،އެމްގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރައްވަމުން ވަޑައިގެންނެވި މެންބަރުން ފާހަގަކުރެވުނެވެ.

މީގެއިތުރުންވެސް "އެޖެންޑާ 19"ގެ ދަށުން ބޭރުގެ ޤައުމުތަކުގެ ފަނޑިޔާރުން ރާއްޖޭގެ ފަނޑިޔާރުގޭގައި މަސައްކަތްކުރަން ގެންނާނެ ވާހަކައާއި، އިސްލާމްދީން ނޫން އެހެންދީންތައް ރާއްޖެ ގެންނަށް މަސައްކަތް ކުރާނެކަމުގެ ތުހުމަތުތައް މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އަޑުއިވިގެންދިޔައެވެ.

އެހެންނަނަމަވެސް ޤާނޫނީ ބައެއް ބޭފުޅުން ވަނީ އެޖެންޑާ 19 އަށް ތައުރީފުކޮށްފައެވެ. މީގެތެރއިން އެއްބޭފުޅަކީ ރައްޔިތުން މަޖްލިސް ކުޅުދުފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއެވެ. މަޖލިސް ބަހުސް 2019ގައި ވާހަކަދައްކަވމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގައި ހުރި ބައެއް ޤާނޫނުތައް ރަގަޅުކަމަށް ވިދާޅުވެ އެޤާނޫނުތަކަށް އާ ބަސް ދެއްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮންމެއަކަސް 6 އޭޕްރީލްގައި ބޭއްވި މަޖިލިސް އިންތިޚާބު ނިމުނު އިރު، ވެރިކަންކުރާ މައިޕާޓީ އެމް.ޑީ.ޕީއަށް މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި ކާމިޔާބުވުމުން އެކަމުން ފެނިގެންދިޔައީ ކެމްޕެއިން ދުވަސްވަރު އެމް.ޑީ.ޕީ އާއި ދެކޮޅަށް އަދި އެޖެންޑާ 19 ކަމުނުދިޔަ ބައެއް ބޭފުޅުންގެ ވާހަކަފުޅުތައް ބަދަލުވެގެން ދިޔަ މަންޒަރަކަށެވެ.

އެގޮތުން އެމް.ޑީ.ޕީން ޕްރޮމޯޓްކުރި "އެޖެންޑާ 19"އަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބައެއް ފަރާތަކުގެ ބަސްމަގު މިއަދު މިވަނީ ބަދަލުވެފައެވެ.

ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިން ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ އިންޓަރވިއުއެއްގައި ނަޝީދު ވިދާޅުވި ވާހަކަތަކަކަށް ރައްދުވެއްވައި ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ވަނީ މަޖިލީހުގެ މެޖޯރިީ ލިބުމާއެކު ރައީސް ނަޝީދު އަވަސްވެގަންނަންވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނޫންކަމަށާއި، މަސައްކަތް ކުރަން ޖެހޭނީ "އެޖެންޑާ 19" ވީހާވެސް އަވަހަށް ތަންފީޒުކުރައްވަން ކަމަށެވެ.

އަދި ރައްޔިތުން އެމް.ޑީ.ޕީގެ މެންބަރުން ހޮވީ "އެޖެންޑާ 19"އިގެ ފޮނިި މީރުކަން ހޯދަންކަން ޚުދު އެމަނިކުފާނުވެސް ގަބޫލުކުރާކަން މި ޓުވީޓުން ހާމަވެއެެވެ.

ޑރ. ޖަމީލު ކުރެއްވި ޓުވީޓު

އެޖެންޑާ 19 ގުޅޭގޮތުން ފާޑުވިދާޅުވި އަލްހާން ފަހުމީވެސް ވަނީ އިންތިޚާބު ނިމި އައު މެންބަރުން ހުވާ ކުރާ ދުވަސް އިއުލާން ނުކުރަނީސް "އެޖެންޑާ 19" ވަގުތުން ތަންފީޒް ކުރުމަށް ގޮވާލައްވާފައެވެ.

އިންތިޚާބު ނިމުމާއެކު "އެޖެންޑާ 19" ތަންފީޒުކުރުމަށް ގޮވާލައްވައި އަލްހާން ކުރެއްވި ޓުވީޓު

ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން ބުނަމުން އަންނަނީ "އެޖެންޑާ 19" ގެ ދަށުން ފާސްކުރާ ޤާނޫނުތައް ދިވެހި ރައްޔިތުން އެދޭ އިންސާފުވެރި ތަރައްޤީގެ އުންމީދުތައް ޤާނޫނީ އޮނިގަނޑަކަށް ލައިދޭނެ ވަސީލަތަކަށް ވެގެންދާނެކަމަށެވެ.

ޚާއްސަ ގޮތެއްގައި ޝަރުއީ ދާއިރާ އިސްލާހް ކުރުމާއި، އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެޖެންޑާ 19 ގެ ދަށުން މަގުފަހިވެގެންދާނެކަމަށެވެ.

މަޖިލިސް އިންތިޚާބުގެ 86 ދާއިރާ އަށް "އެޖެންޑާ 19"ގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕޭން ތަރުތީބުވެ އިންތިޒާމުވެ ކުރިއަށް ގެންދިޔައީ އެކަން އެމް.ޑީ.ޕީއާއި އެޕާޓީގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ސާފުވެވަޑައިގެން ތިބެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.