ސިޔާސީ

ކެންދޫ ދާއިރާގެ ވޯޓް ބާޠިލްކުރަންޖެހޭ ސަބަބެއް ނެތް - އީސީ


ބ.ކެންދޫ ދާއިރާގެ ވޯޓް ބާޠިލްކޮށް އަލުން އިންތިޚާބު ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުވެސް އެދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިނެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 988 ވޯޓެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު ލަޠީފަށް ލިބިވަޑައިގަތީ 829 ވޯޓެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެ ދާއިރާގެ ވޯޓާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާތަކަށް މިހާތަނަށް ބެލިބެލުމުން އެ ދާއިރާގެ ވޯޓް ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ޝަރީފް ވިދާޅުވީ، ރަސްމީ ނަތީޖާ އިޢުލާންކުރުމަށްފަހު އެދާއިރާއާ ގުޅޭގޮތުން ހުށައެޅި މައްސަލަތައް ބެލުމަށް ޤައުމީ ކޮމްޕްލެއިންސް ބިއުރޯގެ ޓީމެއް ފޮނުވުމަށް މިހާރު ނިންމާފައިވާކަމަށެވެ.

"ކެންދޫ މުޅި ދާއިރާގެ ވޯޓް ބާޠިލްކުރަންޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް ބެލުމުން ފާހަގަވެފައެއްނެތް. އެވަރުގެ ހެތްކެތްވެސް ހުށައަޅާފައެއް ނެތް." ޝަރީފް ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ އިންތިޚާބު ބާޠިލްކުރުމަށް ހުށައަޅާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ލަޠީފެެވެ. އޭނާ ހުށައަޅާފައިވަނީ ކިއު ނަންބަރަށްވުރެ އިތުރަށް ވޯޓްލާފައިވާކަމަށާއި، ކިއު ނަންބަރު ބަލާ ލިސްޓާއި އިނގިލީގައި ފާހަގަޖަހާ ލިސްޓްވެސް ދިމާނުވާކަމަށްބުނެއެވެ.