ޚަބަރު

ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިޔާ ހޮވަން ވެންޑައިކް ވޯޓުލީ ސްޓާލިންގް އަށް


އިނގިރޭސި ލީގުގެ މިސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްދޭ ވޯޓު ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ވާދަވެރި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އަށް ވޯޓުދީފިއެވެ.

ނެދަލޭންޑްސްގެ ޑިފެންޑަރު ބުނީ އޭނާގެ ޓީމުގައި ވެސް މޮޅު ކުޅުންތެރިން ގިނަ ކަމަށާއި ނަމަވެސް ސިޓީގައި ސްޓާލިންއާއެކު އެފަދަ އެތައް ކުޅުންތެރިންނެއް އެބަތިބި ކަމަށެވެ. ވެންޑައިކް ބުނީ ބެނާޑޯ ސިލްވާ އަށްވެސް އޭނާއަށް ވޯޓު ދެވިދާނެކަމަށާއި އަދި އެފަދަ އެހެން ކުޅުންތެރިން ވެސް ސިޓީގައި އެބަތިބިކަމަށެވެ.

އޭނާ ބުނީ ޕްރެމިއާ ލީގުގައި ލިވަޕޫލް އޮތް މަގާމާމެދު ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށާއި އޭނާ އާއި ހުރިހާ ކުޅުންތެރިން ވެސް އުއްމީދު ކުރަނީ 1990ގެ ފަހުން ފުރަތަމަ ފަހަރަށް މިސީޒަނުގައި ޕްރެމިއާ ލީގު އުފުލާލަން ކަމަށެވެ.

ލިވަޕޫލް މިވަގުތު އޮތީ ޓޭބަލުގެ އެއްވަނާގައެވެ. ނަމަވެސް އެއީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ކުރިއަށް އޮތް މެޗުން ސިޓީ މޮޅުވެއްޖެނަމަ އެއް ޕޮއިންޓް ފަހަތުން ލިވަޕޫލް އޮންނާނީ ޓޭބަލުގެ ދެ ވަނާގައެވެ.