ޚަބަރު

ކުލަބު ދޫކޮށް ދާން ބޭނުންވާނަމަ ހަޒާޑް މަޑުކުރުވަން އުނދަގޫވާނެ - ސާރީ



ކުލަބު ބަދަލު ކުރަން އެޑެން ހަޒާޑް ބޭނުންވާނަމަ އޭނާ ހިފަހައްޓަން ވަރަށް އުނދަގޫވާނެ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ސާރީ ބުނެފިއެވެ.

އޭނާ މިހެން ބުނީ ވެސްޓްހޭމް އަތުން ޗެލްސީ މޮޅުވި މެޗަށް ފަހު ބެލްޖިއަމްގެ ކެޕްޓަންގެ ކުރިމަގާމެދު ސުވާލު ކުރުމުންނެވެ. ސަރީ ބުނީ އެނާގެ ޓީމުން މޮޅު ކުޅުންތެރިއަކު ދާން ބޭނުންނުވާނެކަމަށާއި، ހަޒާޑް އެހެން ޗެލެންޖެއް ބޭނުންވާނަމަ އޭނާ ހިފަހައްޓަން ދަތިވާނެކަމަށެވެ. ނަމަވެސް ހަޒާޑް ހޯދުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން ހޭދަކުރަން ބުނާ 100 މިލިއަން ޕައުންޑަކީ އޭނާގެ ފެންވަރަށް ބަލާއިރު ކުޑަ އަގެއް ކަމަށް ސާރީ ބުންޏެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2020ވަނަ އަހަރުއެވެ. އަދި ކުރިމަގާމެދު ހަޒާޑް ބުނީ މިވަގުތު އޭނާ ހިދުމަތް ކުރަނީ ޗެލްސީ އަށް ކަމަށާއި ސީޒަން ނިމުމުން ކުރިމަގާމެދު ގޮތެއް ނިންމަން ވަރަށް ވަގުތު އެބައޮތް ކަމަށެވެ.

ސްޕޭނުގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ހަޒާޑް 100 މިލިއަނަށްވުރެ ކުޑައަގަކަށް ގަތުމަށް ރެއާލް މެޑްރިޑް ބޭނުންވެއެވެ. ސަބަބަކީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތުމުންނެވެ. ނަމަވެސް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ އޭނާގެ ޓީމަށް ހަޒާޑް ގެނައުމުގެ ޝައުގުވެރިކަން ވަރަށް ކުރިއްސުރެވެސް ފާޅުކޮށްފައެވެ. އަނެއްކޮޅުން ޓީމު ވަރުގަދަ ކުރުމަށް ރެއާލްއިން ވަނީ 500 މިލިއަން ޕައުންޑް ހޭދަކުރަން ތައްޔާރުވެފައެވެ.