ޚަބަރު

ޔުނައިޓެޑާއި މެދު ފަރުވާތެރިވާން ޖެހޭ - ޕީކޭ


ޗެމްޕިއަންސް ލީގުގެ ދެ ވަނަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އަންނަ ހަފުތާގައި ކުޅޭ މެޗާމެދު ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި 1-0އިން ރޭ މޮޅުވި މެޗަށް ފަހު ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ މިއީ ސެމީ ފައިނަލް ކަށަވަރުކޮށްދޭ ނަތީޖާއެއްނޫން ކަމަށެވެ.

ޕީކޭ ބުނީ ޔުނައިޓެޑް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ޕީއެސްޖީ ކަޓުވާލުމަށްފަހު ކަމަށާއި، އެހެންކަމުން އެކަމާއި ވަރަށް ސަމާލުވާންޖެހޭކަމަށެވެ. އަދި މިނަތީޖާ އަކީ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްދޭ ނަތީޖާއެއް ނޫންކަމަށްވެސް ޕީކޭ ބުންޏެވެ.

މެޗަށް ފަހު ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އޭނާގެ ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި ނަމަވެސް ދެ ވަނަ ފަހަރަށް ޔުނައިޓެޑާ ކުރިމަތިލާއިރު ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. އޭނާ ވެސް އިޝާރާތް ކުރީ ދެ ވަނަ ބުރުގައި ޔުނައިޓެޑުން ޕީއެސްޖީ ކަޓުވާލި މެޗަށެވެ.

ބާސެލޯނާ ސަމާލުވާންޖެހޭ އަނެއް ކަމަކަށް ކޯޗު ފާހަގަ ކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ހައިރާންކުރުވަނިވި ގޮތަކަށް ކެޓުމެވެ. ބާސެލޯނާ ރޯމާ އަތުން ކެޓީ ފުރަތަމަ ލެގު 3-1އިން ކާމިޔާބުކޮށްފައިވަނިކޮށް ކުޅުންތެރިން ފަހު މެޗު ފަސޭހަކޮށްލުމުންނެވެ.