ޚަބަރު

ވީއައިއޭގެ މޯބައިލް އެޕާއިި، އެމްއޭސީއެލްގެ އައު ވެބްސައިޓު ލޯންޗުކޮށްފި


މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ އައު ވެބްސައިޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން އައު މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

އެމްއޭސީއެލްގެ އައު ވެބްސައިޓާއި، ވީއައިއޭގެ މޯބައިލް އެޕް ރަސްމީކޮށް ލޯންޗުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙެވެ.

އެމްއޭސީއެލްގެ އައު ވެބްސައިޓު ފަރުމާކޮށްފައިވަނީ ހުރިހާ ވައްތަރެއްގެ ޑިވައިސްތަކަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެހެން، ޔޫސަރ ފްރެންޑްލީ ފީޗަރތަކާއެކު ކަމަށް އެކުންފުނިން ބުނެއެވެ. އައު ވެބްސައިޓުން އެއަރޕޯޓުގެ މެޕާއި، ފްލައިޓްތަކުގެ ޝެޑިއުލްތައްފަދަ އާއްމުން ބޭނުންވާނެ މަޢުލޫމާތުތަކާއި، ކުންފުނީގެ ވަނަވަރާއި، ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތާއި ޚަބަރުތައް މިހާރަށްވުރެ ފަސޭހައިން ބަލާލެވޭނެއެވެ.

އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކާއި، ޓެންޑަރަށް ހުޅުވާލާ ޕްރޮޖެކްޓުތަކަށް އޮންލައިންކޮށް އެޕްލައިކުރެވޭނެ މަގުފަހިވެގެންދާނެކަމަށްވެސް އެމް.އޭ.ސީ.އެލުން ބުނެއެވެ. މީގެ އިތުރުން އެއަރޕޯޓުގެ ފޮޓޯތައް ވަކި ހޭޝްޓެގަކާއެކު އިންސްޓަގްރާމަށް އަޕްލޯޑްކުރުމުން، އެފޮޓޯތައް ވެބްސައިޓަށްވެސް އަޕްލޯޑްވާނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތަކަށް ޙާއްސަކޮށްގެން އެމްއޭސީއެލުން މުޅިން އަލަށް ތަޢާރަފުކުރި މޯބައިލް އެޕްލިކޭޝަންވެސް ފަރުމާކޮށްފައިވަނީ ފްލައިޓް ޝެޑިއުލާއި، ފްލައިޓް އޮތް ހިސާބު ބަލާލުމުގެ އިތުރުން އެންމެފަހުގެ މޫސުމާއި ގުޅޭ މަޢުލޫމާތުވެސް ބަލާލެވޭ ގޮތަށެވެ. އަދި ބައެއް އެހެނިހެން ކޮމާޝަލް ފީޗަރތައްވެސް ކުރިއަށްއޮތްތަމުގައި މި އެޕަށް އިތުރުވެގެންދާނެއެވެ. މި އެޕް މިހާރު ޕްލޭސްޓޯރުންނާއި، އެޕްސްޓޯރުން ޑައުންލޯޑުކުރެވޭނެކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.

އެއަރޕޯޓުގެ 53 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެމްއޭސީ،އެލުން ލޯންޗުކުރި އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންވެސް ތަައްޔާރުކޮށްފައިވަނީ އެކުންފުނީގެ އައިޓީ ޓީމުންނެވެ.