ޚަބަރު

ކްލަބް މޯލްޑިވްސް ކަޕުގެ ފުރަތަމަ މެޗު ވަރުގަދަ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކާމިޔާބުކޮށްފި



ކްލަބް މޯލްޑިވްސް ކަޕުގެ ފުރަތަމަ މެޗު ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކާމިޔާބުކުރި އިރު ދެވަނަ މެޗު ދިވެހި ސިފައިންގެ ކްލަބު ކާމިޔާބުކޮށްފިއެވެ.

ސްޓެލްކޯއާއި ޖީ.އެމް.ޒެޑް.އައި.އެލް ބައްދަލުކުރި މެޗު އެޓީމުން ކާމިޔާބުކުރީ ދެ ލަނޑު އެ ލަނޑުންނެވެ. މި މެޗުގައި ގްރޭޓަރ މާލޭގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް ރިމާހް އަދި ރިހާމް އަބްދުލްޢަނީއެވެ. ސްޓެލްކޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޔާޒް އަހުމަދެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ރޭ ގްރޫޕް އެފްގައި ދިވެހި ސިފައިންގެ ކްލަބާއި ތައުލީމީ ގުޅުން ބައްދަލުކުރި މެޗު ސިފައިންގެ ކްލަބުން ކާމިޔާބުކުރީ ފަހެއް ދޭއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިވެހި ސިފައިންގެ ކްލަބުގެ އިބްރާހިމް އަހުމަދު ދެ ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު އެޓީމަށް ޖަހައިދިނީ، ނަދީފް އިބްރާހިމް އަދި މުހައްމަދު އަންވަރުގެ އިތުރުން މުހައްމަދު ރަޝީދެވެ. ތައުލީމީ ގުޅުމުން ޖެހި ލަނޑުތައް އެޓީމަށް ޖަހައިދިނީ، އައްޒާމް އަލީ ދީދީ އަދި ރައުފަތު އަބޫބަކުރެވެ.

ކްލަބް މޯލްޑިވްސް ކަޕުގެ އިތުރުން އެއިޓީން ތާޓީ ވުމެންސް ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކުރީ އެމް.ޕީ.އެލް އާއި ޕޮލިސް ކުލަބުންނެވެ. އެގޮތުން ޓީމް ފެނަކައާއި ވާދަކޮށް މި މެޗު އެމް.ޕީ.އެލް ކާމިޔާބުކުރީ ފަހެއް އެކެއްގެ ނަތީޖާއަކުންނެވެ. ޕޮލިސް ކްލަބް މެޗު ކާމިޔާބުކުރީ ޓްރޭޑް ކްލަބާއި ވާދަކޮށް އަށެއް ސުމަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިޔަށްދާނެއެވެ. މިއަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގެ މެޗުތައް ކުރިޔަށްދާނީ ހުޅުމާލޭ ރެހެންދީ ސްކޫލާއި އިންވެގެން އޮންނަ ފުޓްސަލް ދަނޑުތަކުގައެވެ.