ސިޔާސީ

މައިނޯރިޓީގެ ހައްޤުތައް ކަށަވަރުކުރުމަށް މަޖިލީހުގެ ޤަވާއިދު އިޞްލާޙުކުރާނަން - އީވާ


ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ސަރުކާރަށް ލިބުނުނަމަވެސް އިދިކޮޅު މެންބަރުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަޖިލީހުގެ ޤަވާއިދަށް އިޞްލާޙު ގެންނަވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އީވާ ވިދާޅުވީ، ކުރީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ޑިމޮކްރަސީ ސިފަކުރެއްވީ އަޣްލަބިއްޔަތުގައި ބޭނުންވާ ގޮތަކަށް މަޖިލީހުގައި މަސައްކަތްކުރުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީން ޑިމޮކްރަސީ މާނަކުރަނީ މައިނޯރިޓީގެ ހައްޤުތައްވެސް ކަށަވަރުކަރުމަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެމްޑީޕީންވެސް އަދި ސަރުކާރުންވެސް މައިނޯރިޓީގެ ޙައްޤުތައް ކަށަވަރުކުރުކުރަންޖެހޭނެކަމަށެވެ. އެމްޑީޕީން ރައްޔިތުންނަށް ވިވަޢުދުތައް ފުއްދަންޖެހޭނެކަމަށާއި، އެހެންނަމަވެސް އެއްވެސް ޙާލަތެއްގައި އިދިކޮޅު މެންބަރުންގެ އަޑު ފަނޑުވިޔަދީގެން ނުވާނެކަމަށް އީވާ ވިދާޅުވިއެވެ.

އެ ފުރުޞަތު އިދިކޮޅު މެންބަރުންނަށްވެސް ހޯދައިދިނުމަށްޓަކައި މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނާނެކަމަށާ، ފަސްދޮޅަސް ފަސް މެންބަރުންނާއެކު މަޖިލީހުގެ ތަޅުމުގައި އިއްވަންޖެހޭނީ އެމްޑީޕީގެ މެންބަރުންގެ އަޑު އެކަނި ނޫންކަމަށާއި، އިދިކޮޅު މެންބަރުންގެ އަޑުވެސް އެދާއިރާގެ ރައްޔިތުންނަށްޓަކައި އުފުލުމަށް ފުރުޞަތު ދޭންޖެހޭކަމަށެވެ. އަދި އެމްޑީޕީން އެ ފުރުޞަތު ފަހިކޮށްދޭނެކަމަށާ، މަޖިލީހުގެ ތަޅުމުގެ އިތުރުން ކޮމިޓީތަކުގައިވެސް ފަހިކޮށްދޭނެކަމަށް އީވާ ވިދާޅުވިއެވެ.

"އެމްޑީޕީއަށް މިވަރުގެ އަޣްލަބިއްޔަތެއް ލިބުމުން މަޖިލީހުގެ ޤަވާއިދަށްވެސް ބަދަލު ގެންނާނަން އިދިކޮޅުގައި އެތިބި އެކާވީހަކަށް މެންބަރުންގެ އަޑު އުފުލުމަށްޓަކައި. އަޅުގަނޑަށް ހަމަ ޔަޤީން އެމްޑީޕީން ހަމައެކަން ކުރާނެ." އީވާ ވިދާޅުވިއެވެ.

އީވާވަނީ އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތު މަޖިލީހުގައި އަދާކުރާނީ ޒިންމާދާރުކަމާއެކުކަމަށް ވިދާޅުވެފައެވެ. އަޣްލަބިއްޔަތު ނުލިބޭ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީއަކީ ހަމަހަމަކަމަށް ވަކާލަތުކުރާ ޕާޓީއެއްކަމަށާ، ސަރުކާރުން ފޮނުވާ ބިލްތައް އެފޮނުވާގޮތަށް ފާސްނުކުރައްވާނެކަމަށްވެސް އީވާ ވިދާޅުވިއެވެ. އެބިލްތައް ދިރާސާކުރުމަށް ސަރުކާރުގެ މެންބަރުންނަށާ، އިދިކޮޅު މެންބަރުންނަށްވެސް ފުރުޞަތު ދެއްވާނެކަމަށް އީވާ ވިދާޅުވިއެވެ. އަދި މުއައްސަސާތައް ފުރިހަމައަށް ޒިންމާދާރު ކުރުވާތަން ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފެންނާނެކަމުގެ ޔަޤީންކަން އީވާވަނީ ދެއްވާފައެވެ.