ޚަބަރު

"ރިޟުވާން އެންޑް ޔާމީން ފައުންޑޭޝަން"ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދައިފި


ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައިފިއެވެ. "ރިޟްވާން އެންޑް ޔާމީން ފައުންޑޭޝަން" ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާފައިވަނީ ޔާމީން ރަޝީދުގެ އުފަންދުވަހާއި ގުޅުވައިގެންނެވެ.

"ރިލްވާން އެންޑް ޔާމިން ފައުންޑޭޝަން" އަކީ، ޔާމިން އާއި ރިޟްވާންގެ ހަނދާނުގައި އަދި އެމީހުން ކެނޑިނޭޅި ވަކާލާތުކުރި ޙައްޤުތަކާއި ހަމަތައް ކުރިއެރުވުމަށްޓަކައި އުފެއްދި ޖަމްޢިއްޔާއެއްކަމަށް ދެ މީހުންގެ އާއިލާއިން ބުނެއެވެ.

ޔާމީންއާއި ރިޟްވާންގެ މަރުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، ތަޙްޤީޤެއް ހިންގާފައިވީނަމަވެސް ރިލްވާން ގެއްލުވާލާ، ޔާމީން މަރާލާން ބޭނުންވީ ކޮން ބައެއް ކަމެއް އަދާ ހަމައަށްވެސް އެނގޭކަމަށް ބުނެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފައުންޑޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިލާއިން ވަނީ، ނުފޫޒުގަދަ ސިޔާސީންނާއި ގޭންގުތަކުން ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތަކުގެ ތެރެއިން މިކަމުގެ ހަޤީޤަތް ވަންހަނާކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައެވެ.

ގެއްލުވާލާފައިވާ މީހުންނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމާބެހޭ ބިލު މަޖިލީހުގައި ތިން ފަހަރު އެޖެންޑާކޮށްގެންވެސް ފާސްކޮށްފައިނުވާތީވެސް އާއިލާއިން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ އެއީ މަރުތަކުގެ ޙަޤީޤަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު މަސައްކަތްކުރާކަމުގެ ހެތްކެއްކަމަށެވެ.

މި ފައުންޑޭޝަނަކީ، ކޮންމެ މީހަކަށްވެސް ލިބިދޭ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީއާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަފާތު ފިކުރަށް އިޙްތިރާމްކުރުމާއި، އިންސާފާއި، ޤަދަރުވެރި ދިރިއުޅުމެއްގެ ޙައްޤު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ޖަމްޢިއްޔާއެއްކަމަށްވެސް ބުނެފައިވެއެވެ.