ވިޔަފާރި

މާޗުމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ރުފިޔާގެ އާމްދަނީއެއް


ހުސްވިމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.51 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ 2018ވަނަ އަހަރުގެ މާރޗުމަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ %2.1 ދަށް އަދަދެކެވެ. އަދި މިއީ މިދިޔަމަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %15.1 އިންސައްތަ ދަށް އަދަދެކެވެ.

ހުސްވި މަހު ލިބުނު އާމްދަނީ ދަށްވެފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައި ޓެކްސްދަށްކަންޖެހޭ ފަރާތްތަކުން މީރާއަށް ފައިސާ ނުދައްކާ ހުރުމުންނާއި، ޓޫރިޒަމް ލޭންޑް ރެންޓް ބައެއް ފަރާތްތަކުން ނުދައްކާ ހުރުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 732.1 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑު ރެންޓުގެ ގޮތުގައެވެ. އެއީ 355.8 މިލިއަން ރުފިޔާއެެވެ. މި މުއްދަތުގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ، ބީ.ޕީ.ޓީގެ ގޮތުގައި 87 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ފެބްރުއަރީމަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 72.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.