ސިޔާސީ

ފޮނަދޫ ދާއިރާއާ ބާރަށު ދާއިރާގެ ބާތިލް ވޯޓުތައްވެސް ގުނަން ނިންމައިފި


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އިތުރު ދެ ދާއިރާއެއްގެ ބާތިލް ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ ބާތިލް ވޯޓުގެ ތެރެއިން ގުނުމަށް ނިންމީ ފޮނަދޫ ދާއިރާގެ ބާތިލް ވޯޓާއި ބާރަށު ދާއިރާގެ ބާތިލް ވޯޓު ކަމަށެވެ. ފޮނަދޫ ދާއިރާއަށް ހަ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ސިރާޖެވެ. ސިރާޖާއި އެންމެ ގާތުން ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ މިހާރުވެސް މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. ސިރާޖާއި ޢަބްދުއްރަޙީމާއި ދެބޭފުޅުންގެ ދެމެދުގައިވާ ވޯޓުގެ ފަރަޤަކީ ހަ ވޯޓެވެ.

ބާރަށު ދާއިރާއަށް ވާދަކުރެއްވީ ދެ ކެންޑިޑޭޓުންނެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓެވެ. މި ދެބޭފުޅުންގެ މެދުގައި 39 ވޯޓުގެ ތަފާތު އެބަހުއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެ ކޮމިޝަނަށް ހުށަހަޅަމުން އަންނަ ޝަކުވާތަކާއި ގުޅިގެން ބައެއް ދާއިރާތަކުގެ ބާތިލް ވޯޓުތައް ގުނަމުންނެވެ. މިއަދު ހަވީރުވެސް މާމިގިލި ދާއިރާއާ މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ވަނީ ގުނާފައެވެ.