ވިޔަފާރި

އުރީދޫ މަސްރޭހުން މިފަހަރު އަންހެނުންގެ ހަތަރު ޓީމަކަށް ފުރުސަތުދޭނެ - އުރީދޫ


އުރީދޫ މަސްރޭސް މިއަހަރުވެސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން އެ ކުންފުނިން މިހާރުވަނީ ލޯންޗުކޮށްފައެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ، މި އަހަރުގެ އުރީދޫ މަސްރޭސް އެހެން އަހަރުތަކާއި ތަފާތުވާނެކަމަށެވެ. މިދިޔަ އަހަރުގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާޢްޖޭގައި ހިންގާ ކުންފުނިތަކާއި ރިސޯޓްތަކުގެ އިތުރުން ސަރުކާރު މުއައްސަސާތަކަށެވެ. ނަމަވެސް މިއަހަރުގެ މަސްރޭހުގައި ބޭނުންކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

މިއަހަރުގެ މަސްރޭހުގައި ޖުމްލަ 16 ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލާފައިވާއިރު، މީގެތެރެއިން 4 ޓީމަކީ އަންހެން ޓީމްތަކަށް ވާންޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ. އަންހެން ޓީމްތަކަށް ޚާއްސަ ބުރެއް ބޭއްވުމަށް ނިންމާފައިވާއިރު، މިބުރު ކާމިޔާބު ކުރާ ޓީމަކަށް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

މާދަމާއިން ފެށިގެން އޮންލައިންކޮށް ޓީމްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އުރީދޫއިން ބުނެއެވެ. ރަޖިސްޓްރީ ވުމުގެ އެންމެ ފަހުގެ ތާރީޙަކީ މިމަހުގެ 20 ވަނަ ދުވަހެވެ. އުރީދޫން ބުނީ މަސްރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި 12 މެންބަރުން ތިބެންޖެހޭނޭކަމަށެވެ.

މިއީ އުރީދޫ މަސްރޭސް ބާއްވާ 10 ވަނަ އަހަރެވެ. މިއަހަރުގެ ރޭހުގައިވެސް އަގުބޮޑެތި އިނާމުތަކެއް ވަނީ ހުށައަޅާފައެވެ. އެގޮތުން 1 ވަނައަށްދާ ޓީމަކަށް 50،000 ރުފިޔާ ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫ މަސްރޭސް، އޮންނާނީ އަންނަ ރަމަޟާން މަހުގެތެރޭގައެވެ.