މިހާތަނަށް ރާއްޖެ އައި އެންމެބޮޑު ކުރޫޒްލައިނަރ "އެމްއެސްސީ މަގްނިފިކާ" މިއަދު ރާއްޖޭގައި ބަނދަރުކޮށްފިއެވެ.
މި ކުރޫޒްލައިނާއިން 3000 ހާހެއްހާ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެމްއެސްސީ މަގްނިފިކާއިން ރާއްޖެ އައި ފަތުރުވެރިން މާލެ ފޭބުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އެއް ނަމްބަރު ރަސްމީ ފާލަން ކައިރިންނެވެ. މި ކުރޫޒްލައިނާއިން މާލެ ފޭބި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މާލެ ކައިރީ ބައެއް ރަށްރަށަށްވެސް ޒިޔާރަތްކޮށްފައެވެ.
އެމްއެސްސީ މަގްނިފިކާ ރާއްޖެ އައިސްފައިވަނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާގެ އޭޖެންޓުކަމުގެ ދަށުންނެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނާގޮތުގައި މިފަދަ ކުރޫޒްލައިނާތައް ރާއްޖެއައުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބޭނޭކަމެއް ކަމަށެވެ.
އެމްއެސްސީ މަގްނިފިކާ ރާއްޖެއަށް މި ކުރި ދަތުރު ނިންމާލުމަށްފަހު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ޝިޕް އޮޕަރޭޓްކުރާ އެމްއެސްސީ ކުންފުނީގެ މި ކްރޫޒްލައިނާއަކީ 547 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ. ދިގު މިނުގައި 964 ފޫޓް އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ މި އުޅަނދަކީ އެއްފަހަރާ 3500 މީހުންނަށް ޚިދުމަތްދިނުމުގެ ޤާބިލުކަން ލިބިގެންވާ އުޅަނދެކެވެ.
ގަޑިއަކު 43 ކިލޯމީޓަރުގެ ބާރު މިނުގައި ދުވާ މި އުޅަނދުގައި ގާތްގަނޑަކަށް 1259 ކޮޓަރިއާއި ފެންވަރު ރަނގަޅު ރެސްޓޯރެންޓުތަކުގެ އިތުރުން ސްވިމިންގ ޕޫލެއް ހިމެނެއެވެ.
އެމްއެސްސީ ކުންފުނިން ދުނިޔޭގެ އެންމެ ބޮޑެތި ކްރުޒްލައިނާތައް އޮޕަރޭޓްކުރާއިރު މިހާރު އެކުންފުނިން އޮޕަރޭޓްކުރާ އެންމެ ބޮޑު ކްރޫޒްލައިނާއަކީ ދިގުމިނުގައި 1000 ފޫޓް ހުންނަ "މެރްވިގްލިއާ" ނަމަކަށް ކިޔާ އުޅަނދެކެވެ.