ޚަބަރު

ޕޮގްބާ ކުލަބު ދޫކޮށްލާނެ ކަމަކަށް ގަބޫލެއް ނުކުރަން - ސޮލްޝެއާ



އަންނަ ސީޒަނުގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް ނޫން ކުލަބަކަށް ކުޅޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ޔުނައިޓެޑުން ބުނެފިއެވެ.

ކޯޗު އޮލެ ގަނަ ސޯލްޝަޔާ މިހެން ބުނީ ޕޮގްބާ ގަތުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާތީވެ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުންނެވެ. އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް 500 މިލިއަން ޕައުންޑް ހަރަދުކުރަން ނިންމާފައިވާއިރު އެ ޓީމުގެ ކޯޗު ފްރާންސްގެ ޒައިނުއްދީން ޒިދާން އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ޕޮގްބާއެވެ.

ނަމަވެސް ޗެމްޕިއަންސް ލީގުގައި މިރޭ ސްޕޭނުގެ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސޮލިޝަޔާ ބުނީ ޕޮގްބާ އަކީ އޭނާގެ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ ކޯޗު ކަމުގައި އެންމެ ރަނގަޅަށް ޕާފޯމް ކުރަމުން އަންނަ އެއް ކުޅުންތެރިޔާ ކަމަށެވެ.

ސޮލްޝަޔާ ބުނީ ފްރާންސްގެ ވަރުގަދަ ޕީއެސްޖީ ކަޓުވާލައި ޔުނައިޓެޑް ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގައި ޕޮގްބާ ނުކުޅެވުނު ނަމަވެސް އޭނާ އަކީ ޓީމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. ހާއްސަކޮށް ބާސެލޯނާ ކަހަލަ ޓީމަކާ ދެކޮޅަށް ޕޮގްބާގެ ތަޖުރިބާ އާއި އޭނާގެ ކްރިއޭޓިވިޓީ މުހިންމު ކަމަށެވެ.

ޕޮގްބާ އަކީ ޔުނައިޓެޑުގެ ކުރީގެ ކޯޗު އަދި ރެއާލްގެ ވެސް ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އޭނާއާ ވަރަށް ބޮޑަށް މައްސަލަ ޖެހުނު ކުޅުންތެރިއެކެވެ. ނަމަވެސް ސޮލްޝަޔާގެ ކޯޗުކަމުގައި އޭނާ ކުޅެމުންދަނީ ވަރަށް ހިތްހަމަޖެހިގެންނެވެ.

ޔުނައިޓެޑުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފައެވެ. އަދި ޕޮގްބާ އަކީ މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން ވެސް ބޭނުންވި ކުޅުންތެރިއެކެވެ. އޭނާ ނުގެވުނީ ބާސެލޯނާގައި މިޑްފީލްޑަރުން ގިނަވުމާއި އެވަގުތު ޕޮގްބާ ގަތުމަށް ބޮޑު ހޭދައެއް ކުރަން ބާސެލޯނާއިން ބޭނުންނުވުމުންނެވެ.