މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖޅީހުގެ އިންތިޚާބުގައި ބެެެހެއްޓީ 74 ވޯޓް ފޮއްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނީ އަލުން ގުންނަން ނިންމި ވޯޓް ފޮށިތަކަކީ ލ މާވަށު ދާއިރާއަށް ވޯޓްލާފައިވާ 69 ފޮއްޓަކާއި މާމިގިލީ ދާއިރާއަށް ވޯޓްލާފައިވާ ފޮއްޓަކާއި މަޑުއްވަރީ ދާއިރާއަށް ވޯޓްލާފައިވާ 4 ފޮއްޓެއްކަމަށެވެ. އިލެކްޝަނަސް ކޮމިޝަނުން ބުނީ މި ދާއިރާގެ ފޮށިތައް އަލުން ގުނާނީ މިއަދު ހަވީރު 16:00ގައި ކަމަށެވެ.
ޤާސިމްގެ އިންތިޚާބީ އެޖެންޓް ޝަކުވާ ހުށައެޅުމުން ރޭވެސް ވަނީ މާމިގިލީ ދާއިރާގައި ބެހެއްޓި 3 ވޯޓް ފޮއްޓެއް އަލުން ގުނާފައެވެ. ރޭ އެ ފޮށިތައް އަލުން ގުނުމުން ކުޑަ ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވި ގާސިމް އިބްރާހިމްވަނީ ފަރަގު ބޮޑުކޮށްފައެވެ. މާމިގިލީ ދާއިރާގެ ވޯޓްތައް އަލުން ގުނުމުން ގާސިމަށްވަނީ އިތުރަށް 64 ވޯޓް ލިބިވަޑައިގެންފައެވެ. އޭނާއާއި ވާދަކުރެއްވި އެމްޑިޕީގެ ކެނޑިޑޭޓް އަލީ އަމީޒަށްވެސް ވަނީ އަލުން ގުނުމުން އިތުރަށް 45 ވޯޓް ލިބިވަޑައިގެންފައެވެ. އިލެކްޝަނުން ކުރިން އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ގާސިމް ގޮނޑި ކާމިޔާބުކުރެއްވީ 80 ވޯޓް ތަފާތަކުންނެވެ. އެހެންނަމަވެސް މި ފަރަގު މިހާރު ވަނީ 99 އަކަށް އަރާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭގައި ދެން ގުނާފައިވަނީ މާވަށު ދާއިރާގެ ވޯޓް ފޮށިތަކެވެ. މި ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން 6 ވޯޓްގެ ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނައިބު ރާއިސް މުހައްމަދު ސައީދުއެވެ. އެހެންނަމަވެސް އެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ފަލާހު ހުށައެޅުއްވި ޝަކުވާއަކާއި ގުޅިގެން ރޭ އަލުން ވޯޓް ފޮށިތައް ގުނުމުން ސައީދަށް ލިބުނު ވޯޓްތަކުން އެއް ވޯޓް މަދުވެ ދެ ކެނޑިޑޭޓޫންގެ މެދުގައިވާ ފަރަގު ވަނީ ފަހަކަށް ތިރިވެފައެވެ.
އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައީދަށް 853 ވޯޓް ލިބިވަޑައިގެންނެވިއިރު އެނާއާއި އެންމެ ގާތުން ވާދަކުރެއްވި އިބްރާހިމް ފަލާހަށް ލިބިވަޑައިގަތީ 848 ވޯޓް އެވެ.
މިއަދު ގުނަން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ ވަގުތީ ނަތިޖާ ދައްކާގޮތުން އެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ 17 ވޯޓްގެ ތަފާތަކުން ޕީއެންސީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުއެވެ. އެނާ އާއި އެންމެ ކައިރިން ވާދަކުރި މުހައްމަދު ޝިހާމަށް ލިބިފައިވަނީ 851 ވޯޓްއެވެ.