ޚަބަރު

ޚާއްސަ ޔުނިޓީ މެޗަކުން ކްލަބްމޯލްޑިވްސް ފުޓްސަލް މުބާރާތް ފަށައިފި



ހާއްސަ ޔުނިޓީ މެޗަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕް ފަށައިފިއެވެ.

ރޭ ހުޅުމާލޭގައި މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ޔުނިޓީ ފުޓްސެލް މެޗްގެ ކުރިންވަނީ މުބާރާތުގައި ބައިވެރި ޓީމްތަކުގެ ޖަރޒީވެސް ދައްކާލާފައެވެ. މިއީ ކޮންމެ އަހަރަކުވެސް މުބާރާތް ފެށުމުގެ ކުރިން ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމްގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ޓީމަކާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ ޓީމެކެވެ. ނައިބް ރައީސް ފައިނަލް ނަސީމްގެ ޓީމްގައި ޓުއަރިޒަމް މިނިސްޓަރ އަދި އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކުރީގެ ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް އާއި އެންމެ ފަހުން ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖްލިސްގެ އިންތިހާބްގައި ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި އަލީ ނިޔާޒް ހިމެނެއެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންގެ ޓީމްގައި ހިމެނުނީ މޫސާ މަނިކް (ކުޑަ މޫސަ) އިބްރާހީމް ނޫރައްދީނާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ނައިބް ރައީސް ފައިނަލް ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ފެނިގެންދަނީ ވަރަށް އެކުވެރިކޮށް މަސައްކަތް ކުރާ މަންޒަރުކަމަށާއި، ކުލަބް މޯލްޑިވްސް މިމުބާރަތަށް ބަލާލާއިރުވެސް ފެނިގެން މިދަނީ ގިނަ އަދަދެއްގެ ޒުވާނުން ވަރަށް އެކުވެރިކޮށް މަސައްކަތް ކުރާ މަންޒަރުކަމަށެވެ. ނައިބް ރައީސް ވިދާޅުވީ ކުލަބް މޯލްޑިވްސްގެ ޝިޔާރުކަމަށްވާ މަގުމަތީގެ ރައްކާތެރިކަން އެންމެންގެ ޒިންމާއަކީ މިހާރު ވަރަށް ވިސްނަންޖެހިފައިވާކަމެއްކަމަށެވެ.

ޔުނިޓީ މެޗަކުން މިމުބާރާތް ރޭގައި ފަށާފައިވާއިރު
ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ދެ ބާރު، އެމް.ޕީ.އެލް އާއި އެސް.ޓީ.އޯ ލައްވާލާފައިވަނީ އެއް ގުރޫޕްއެއްގައެވެ. މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން އެއްތައްފަހަރަކު ނަގާފައިވާ ދެޓީމް ކަމުގައިވާ އެސް.ޓީ.އޯ އާއި އެމް.ޕީ.އެލް ލައްވާލާފައި ވަނީ ގްރޫޕް ސީގައެވެ. މިދިޔަ އަހަރުގެ މުބާރާތުގައިވެސް މިދެޓީމް ލައްވާލާފައިވަނީ އެއް ގްރޫޕެއްގައެވެ.

ކްލަބް މޯލްޑިވްސް ކަޕާއެކު ކުރިއަށްދާ އެއިޓީން ތަރޓީ ވުމެންސް ފުޓްސަލް ފިއެސްޓާ މެދުކެނޑުމެއްނެތި ބާއްވާ 10ވަނަ އަހަރެވެ.