ޚަބަރު

ރޯވި ގޭގައި ދިރިއުޅޭ 10 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި


ރޭ ފަތިހު ގ. ރެޑް ޕަރލްގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ތިން ފަންގިފިލާއެއް އަނދާފައިވާތީ އެތަނުގައި ދިރިއުޅެމުންދިޔަ 10 މީހަކަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިފިއެވެ.

ރޭ ފަތިހު 03:45 ހާއިރު ހިނގި މި ހާދިސާގައި ގ. ރެޑް ޕަރލްގޭގެ 3 ފަންގިފިލާ މީހުންނަށް ދިރި ނޫޅެވޭވަރަށް އަނދާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ 5 އަންހެނަކަށާއި 4 ފިރިހެނަކަށާއި 18އަހަރުން ދަށުގެ ކުޑަ ކުއްޖަކަށްކަމަށެވެ. އަދި އެމީހުން ދިރިއުޅޭނެ ވަކި ތަނެއް ހަމަޖެހެންދެން އެ ގެސްޓްހައުސްގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދީފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި އެމީހުންގެ ކެއުމުގެ ކަންކަންވެސް ހަމަޖައްސައިދީފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.

ރޭ ފަތިހު ހިނގި މި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެގޭގައި ދިރިއުޅެމުން ދިޔަ 7 މީހަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަށް މައްސަލައެއް ދިމާނުވާކަމަށާއި، އެންމެންގެ ހާލުވެސް މިހާރު ރަނގަޅުކަމަށްޑިޒާޒްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ.

މި ޙާދިސާގައި، އާއްމު ރައްޔިތުންގެ ޙިމާޔަތުގައި އަލިފާން ނިންވާ ފަރާތްތަކާއި، އަދި ކަމާގުޅުންހުރި ފަރާތްތަކުން ކުރެއްވި މަސައްކަތާއި، ދެއްވި އެހީތެރިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާވަނީ ޝުކުރު އަދާކުރައްވާފައެވެ.