ޚަބަރު

ތަޢުލީމު ހޯދަން ބޭނުންވާ ޒުވާނުން ދަރަނިވެރިކުރުމަކީ މިސަރުކާރުން ކުރާނެކަމެއް ނޫން- ރައީސް


ތަޢުލީމު ހާސިލުކުރުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ މިސަރުކާރުން ކުރާނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީއަކީ، ޔުނިވަރސިޓީއެއްގެ ގޮތުގައި ކިތަންމެ ހަގު ނަމަވެސް 39 އަހަރުގެ ފަޚުރުވެރި މާޒީއެއް އޮތް ތަޢުލީމީ މުއައްސަސާއެއްކަމަށެވެ. ރައީސް ވިދާޅުވީ، ދަސްވެނިވި ކޮންމެ ދަރިވަރަކީވެސް ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނެ ބައިވެރިއެއްކަމަށާއި، ތަޢުލީމް ޙާޞިލް ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ކޮންމެ ވަގުތަކީ ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށް ކުރި އަގު ބޮޑު އިންވެސްޓެއްކަމަށެެވެ.

ރާއްޖޭގައި މިހާތަނަށް ތަޢުލީމީ ދާއިރާއަށް ކަނޑައެޅި އެންމެ ބޮޑު ބަޖެޓް މިއަހަރު ކަނޑައެޅީވެސް ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުންކަމަށާއި، އެމަނިކުފާނު ޤަބޫލުކުރައްވާ ފަލްސަފާއަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ދޭން. އެންމެންނަކީ ވެސް ކިޔަވައިގެން ތިބި، ތަފާތު ފަންނީ ހުނަރުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހަދަން. އެމީހުންނަށް ބޭނުންވާ އިތުރު ވަޒީފާތައް އުފައްދައި ވަޒީފާގެ ފުރުޞަތުތައް ވެސް އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ހުރިހާ އެންމެންނަށްވެސް ހިލޭ އޮންނަންވާނެކަން ފާހަގަކުރައްވާ ވިދާޅުވީ، ތަޢުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކުރާނެކަމެއް ނޫންކަމަށެވެ.

"މި ސަބަބުތަކަށްޓަކައި، އަޅުގަނޑުމެން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރެވޭނެ މަގު ފަހިކޮށްދީފައި. ސަރުކާރުގެ ބޭނުމަކީ ވީހާ ގިނަ ދަރިވަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުން. އަދި އެކަމަށްޓަކައި، ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމާ އެކު، ތަކުލީފެއް ނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން." ރައީސް ވިދާޅުވިއެވެ.

ހިލޭ މަތީ ތަޢުލީމް ހާސިލުކުރެވޭ ފުރުޞަތަކީ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ފުރުޞަތުތަކުގެ ބޭނުން، ޒިންމާދާރުކަމާއެކު، ހެޔޮ ގޮތުގައި ހިފުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"އެއްވެސް ކަމެއްގެ ކާމިޔާބަކީ، އޭގެ ޒާތުގައި އަމިއްލައަށް ލިބޭ އެއްޗެއް ނޫން. ކާމިޔާބަކީ ހިންމަތާއި މިންނަތާ އެކު، މަސައްކަތް ކުރާ މީހުންގެ ޙައްޤެއް. ކާމިޔާބީ ޙާޞިލުކުރަން އެދޭ ނަމަ، އެކަމަށް ވަގުތު ހުސްކުރަންޖެހޭނެ. އެތައް ޤުރުބާނީތަކެއް ވާންޖެހޭނެ. ހަމައެފަދައިން ކާމިޔާބު ހޯދުމުގެ ޝައުޤުވެރިކަމާއި ހިތްވަރު އެމީހެއްގެ ކިބައިގައި ހުންނަންވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމް ޙާޞިލުކުރި އެއްވެސް ދަރިވަރަކު، ހަރުކަށި ތަފާތު ފިކުރުތަކުގައި ޖެހި، މަގު އޮޅިފައިނުވާ ކަން ފާހަަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދަސްވެނިވި ކޮންމެ ދަރިވަރަކީ، ރިވެތި އަޚްލާޤާއި ނަމޫނާ ސުލޫކެއްގެ ވެރި ބައެއްކަމުގައި ވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުން ޙާޞިލްކުރި ޢިލްމު، ދިރިއުޅުމުގެ މައިދާނުގައި ތަންފީޒުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ހުރިހާ ދަރިވަރުންނަކީ ވެސް މި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއްކަމަށާއި، ޤައުމުގެ ތަރައްޤީ ބިނާވެގެންދާނީ އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ދަސްވެނިވެގެން ނުކުންނަ، ދަރިވަރުން ޤައުމުގެ ތަރައްޤީގައި ބައިވެރިވުމަށްވެސް ރައީސް ވަނީ އިލްމާސްކުރައްވާފައެވެ.