ޚަބަރު

ޗައިނާގެ އުފެއްދުންތެރިކަމުގެ ސިނާޢަތުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި


ޗައިނާގެ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކާރުޚާނާތަކުން އުފައްދާ އުފެއްދުންތަކުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި، އެ ޤައުމުގެ ހުރިހާ ސަރަހައްދެއްގައި ހުންނަ ކާރުޚާނާތައް ބަލައި ފާސްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށް ޗައިނާގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާގެ އެކި އެކި ބާޒާރުތަކުގެ އުފެއްދުންތައް އެއް ފެންވަރެއްގައި ބެލެހެއްޓުމާ ބެހޭ އިދާރާއިން ބުނެފައިވަނީ، ޗައިނާގައި އުފައްދާ ބޮޑެތި ސިނާޢީ އުފެއްދުންތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަކީ އެގައުމުގެ އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކޮށް ޢާއްމުންގެ ކަންބޮޑުވުންތަކަށް އެކަށިގެންވާ ހައްލެއް ގެނެވޭނެ ކަމެއްކަމަށެވެ.

މި ގޮތުން ކާރުޚާނާތަކުގެ މަސައްކަތްތައް ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ކެމްޕޭން މިހާރުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށާއި، މި ކެމްޕޭންގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ޗައިނާގައި އުފައްދާ ބޮޑެތި ސިނާޢީ އުފެއްދުންތަކަށް ކަމަށެވެ.

އެ އިދާރާއިން ބުނެފައިވަނީ މި ކާރުޚާނާތަކުގެ މަސައްކަތްތައް ބަލައި ފާސްކުރާއިރު، ނުރައްކާތެރި އުފެއްދުންތައް އުފެއްދުމުގައި ގެންގުޅޭ އުސޫލުތަކުގެ ހަރުދަނާކަން ހުރި މިންވަރެއްވެސް ބަލަމުންދާނޭކަމަށެވެ. އަދި މިކަމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވޭ ކުންފުނިތަކަށް ދީފައިވާ ލައިސެންސް އަތުލެވޭނެ ކަމަށްވެސް ޗައިނާގެ އިދާރާއިން ވަނީ ބުނެފައެވެ. ޗައިނާއިން މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިމިވަނީ އެ ޤައުމުގައި ސިނާޢީ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.