ޚަބަރު

ކެމްޕެއިނަށް ދެމި ބެނާތަކާއި ދިދަތައް ނަގަން ނުވޭތަ


ކޮންމެ އިންތިޚާބެއްގައިވެސް، ކެންޑިޑޭޓުންގެ ކެމްޕެއިން ފޯރި އެންމެ ބޮޑަށް ފެނިގެންދަނީ އާންމުންނަށް ފެންނަގޮތަށް މަގުތަކުގައި ހިއްޕާ ޕޯސްޓަރުތަކާއި ބޮޑެތި ބިލް ބޯޑްތަކާއި ދަމާފައި ހުންނަ ބެނާތަކާއި، ދިދަފަތިތަކުންނެވެ. މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގެ ވޯޓްލާ ދުވަސް ޖެހުނު އިރު އެހެން އަހަރަކުތަކާއި ހިލާފަށް މިފަހަރު މިކަން މާބޮޑަށް ފެނިގެންދިޔައެވެ. އެހެންނަމަވެސް މި ފަހަރުގެ މަޖިލިސް ިއންތިޙާބު މިވަނީ ހުރިހާ ގޮތަކުން ރާއްޖޭގެ ތާރީހުގައި ދުށް އެންމެ ތަފާތު އެއް އިންތިޚާބަށްވެފައެވެ.

އިންތިޚާބާއި ދިމާކޮށް އެ އިންތިޚާބެއްގައި ވާދަަަކުރާ ކެނޑިޑޭޓުން އެންމެ ބޮޑު ހަރަދުތަކެއް ކުރާ އެއްކަމަކަށްވެފައި އޮންނަނީވެސް ކެމްޕެއިނަށް ހަދާ ޕޯސްޓަރުތަކާއި ބިލްބޯޑްތަކާއި ދަމާ ދިދަފަތި ތަކަށް ކުރާ ހަރަދުތަކެވެ. ބައެއް ކެނޑިޑޭޓުން މިކަމަށް ހާހުން ހަރަދުކުރާއިރު ބައެއް ކެނޑިޑޭޓުން ލައްކައިން ނުވަތަ މިލިއަނުން ހަރަދުކުރެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދަނީ އިންތިޙާބުގެ ދުވަސްޖެހޭއިރު ފާރުގައި ލާފައި ހުންނަ ކުލަ ނޭގޭ ވަރަށް ހިއްޕާ ހުންނަ ޕޯސްޓަރުތައް ގިނަވުމެވެ. މިހާގެ އިސްކޮޅަށްވުރެ އެތައް ގުނައަކުން ބޮޑެތި ބިލްބޯޑްތައް ކަންކަން މަތިން ފެންނަން ހުރުމެވެ. އުޑުމަތި ބަނަތޯ ބަލާލަން މަތި ބަލާލަންޖެހޭ ފަހަރުވެސް އުޑު ނުފެންނަހެން ކައިރި ކައިރީގައި މަގުތައް މަތީ ދަމާފައި ހުންނަ ދިދަފަތި ތަކުންނެވެ.

މި ފަހަރުގެ މަޖިލިސް އިންތިޚާބާއި ދިމާކޮށްވެސް ފެނުނީ ގޭގޭގެ ފާރުތަކާއި، ބޮޑެތި އިމާރާތްތަކުންނާއި، މާލޭގެ އަދި އަތޮޅުތަކުގެ ރަށްރަށުގެ ބޮޑެތި މަގުތައް ކެމްޕެއިންގެ ކުލަތަކުން ފުރާލި މަންޒަރެވެ. މިޢީ އެންމެ ކުރީންސުރެވެސް އިންތިޚާބުތަކަށް ކެމްޕެއިން ކުރުމުގައި ދިވެހިންގެ ތެރޭގައި ގެންގުޅުނު އާދައެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ނިމުނު ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ވަޢުދުތަކާއި ތަސައްވަރުތައް ރައްޔިތުންނާއި ހަމަައަށް ފޯރުކޮށްދިނުމަށްވެސް، މައިގަނޑުގޮތެއްގައި ބޭނުންކުރި އުކުޅަކީ ބެނާތަކާއި ޕޯސްޓަރުތަކެވެ.މި ފަހަރުގެ އިންތިޚށާބުގެ ނަތިޖާއިން އެތައް ބަޔަކަށް ސިހުން ގެނުވިއިރު މި ފަހަރުގެ އިންތިޚާބު އެހެން ގޮތްގޮތުންވެސް ތަފާތު އިންތިޙާބަކަށް މިވަނީ ވެފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ވެރިރަށް މާލޭގެ މަގުތަކުގައި ހިއްޕި ޕޯސްޓަރުތަކާއި ބައެއް ދިދަ ފަތި މަދުން ނަމަވެސް އަދިވެސް ފެންނަ އެބަހުއްޓެވެ. މީ މިދިޔަ ރިޔާސީ އިންތިޚާބުގެ އެކަނި ކަމެއް ނޫނެވެ. މީގެއެތައް އަހަރެން ކުރިން ބޭއްވި ބައެއް އިންތިޚާބުތަކާއި ގުޅޭ ޕޯސްޓަރުތައްވެސް އަދިވެސް ބައެއް ތަންތަނުން ފެންނަން އެބަހުއްޓެވެ. އޭގެ ކުލަ ފަނޑުވެސް ކިޔަން ނޭގޭ ހިސާބަށް ދިޔަ ނަމަވެސް އެތަކެތި ނައްޓަލާ އުކާލާނެ އަތެއް ނުވެއެވެ. ކެމްޕެއިންގެ ދުވަސްވަރު ސަޔާއި ކެއުމާއި ފައިސާ ދީގެން ގްރޫޕްތައް ނެރި ދަމާ ބެނާތަކާއި ޕޯސްޓަރުތައް ނަގަން ކުޑަމިނުން ސައިކޮޅެއް ދޭނެ މީހަކުވެސް ނުވެއެވެ.

މިފަަހަރުގެ މަޖިލިސް އިންތިޚާބަށްފަހު މި މަންޒަރު ތަފާތުކަމަށް ބުނެވިދާނެއެވެ. ވެރިރަށް މާލެއަށް ބަލާލާއިރު މިމަހުގެ ހަތްވަނަ ދުވަހާއި ޖެހެންދެން ދިދަ ފައްޗެއް ބެނާ އެއް ނުދަމާ މަގެއް ނެތެވެ. އޭގެ ތިންދުވަސް ފަހުން މުޅި މާލެއިން އެއްކޮށް ކަހަލަ ގޮތަކަށް ދަމާފައިވާ ބެނާތަކާއި ޕޯސްޓަރުތައް މި ވަނީ ނަގާފައެވެ. އެހެންނަނަމަވެސް ހިތާމައަކީ އަދިވެސް ބައެއް ބެނާ ތަކާއި ޕޯސްޓަރުތައް މަގުމަތިން ފެންނަން އެބަހުއްޓެވެ. ބައެއް ކެންޑިޑޭޓުން ނަމުނާ ދެއްކިއިރު އަނެއްބައި ކެނޑިޑޭޓުން ކަހާއަތަށް ހިރުވާލާހެންވެސް ހީނުވެއެވެ.

މިފަހަރުގެ އިންތިޚާބާއި ދިމާކޮށް މާލޭ ސިޓީން ކައުންސިލުންވެސް ވަނީ މިކަމުގައި މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން މާލޭގެ މަގުތަކުގައި ކެމްޕެއިން އިޝްތިހާރުތައް ބަހައްޓަންޖެހޭ ގޮތާއި އިންތިޚާބު ނިމުމުން އަމަލުކުރަންޖެހޭ ގޮތްތައްވަނީ ކެނޑިޑެޓުންނާއި ހިއްސާކޮށް އެ މައުލޫމާތު ކުރީބައިގައި ދީފައެވެ. އަދި އިންތިޚާބު ނިމެނޭތާ 10 ދުވަހުގެ ތެރޭގައި ބެނާތައް ނަގާ ނިންމަންޖެހެއެވެ. އަދި މިގޮތަށް އަމަލުނުކުރާ ފަރާތައް 2000 ރުފިޔާއިން ޖޫރިމަނާކުރާނެކަންވެސް ވަނީ އަންގާފައެވެ.

އިންތިޚާބުގައި ބޭނުންކުރި ޕޯސްޓަރުތަކާއި ބެނާރަތައް ދެމުމުގައި އެ ކެނޑިޑޭޓަކަށް ތާއިދުކުރި ފަރާތަކުން ވަރަށް ފޯރީގައި އެ މަސައްކަތުގައި އުޅުނު ނަމަވެސް މިތަކެތި ނެގުމުގައި ހަމަ އެކަކުވެސް އުޅޭތަން ނުފެނެއެވެ. މުޅިންވެސް ފެންނަނީ ބިދޭސީން މި މަސައްކަތުގައި ހަރަކާތްތެރިވާތަނެވެ. ބަލާބެލުމަށް އެއީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ މަސައްކަތް ކުރާ މީހުންކަމަށް ބެލެވެއެވެ.

އިންތިހާބާއި ދިމާކޮށް އަންނަ ފޯރީގައި ޖެހުނު ކޮންމެ ތަނެއްގައި ބެނާ ދަމާ ޕޯސްޓަރު ހިއްޕާ ގޮތަށް އެތަކެތި ނައްޓާ ސާފުކުރުމަކީވެސް ޒިންމާއެއްކަމަށް ހަދާކަށް ނުވޭބާއެވެ. އިޖްތިމާއި މައްސަލަތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ހައްލުކޮށްދެއްވާނެކަމަށް ބުނެ އިންތިޚާބުތަކަށް ނުކުންނަވާ ކެނޑިޑޭޓުންގެ ޒިންމާއަކީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެ ފަހު ދުވަހު މަގުތަކަށް ކުނި އަޅާ ފުރާލާ އެހެން ބަޔަކު ލައްވާ މަގުތައް ކުނި ކަހާ އެތަކެތި ނެގުވުންބާއެވެ. ނުވަތަ މުޅި ރަށް ގޮޑަކަށް ހަދާލުން ބާވައެވެ. ކޮންމެއަކަސް ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަވަން ނުކުންނަވާ ބޭފުޅުން މިކަންކަމަށް ވިސްނާ ޒިންމާދާރުވާން ނުވޭބާއެވެ. ހިއްޕި ޕޯސްޓަރުތަކާއި ބެނާތައް ނަގާ ނަމޫނާ ދައްކަން އަވަސްވަމާތޯއެވެ.