ޚަބަރު

18 އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފި


މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފިއެވެ.

ވިލާއިން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ސީއެޗްއެސްއީގެ މައްޗަށް ދެ ލަނޑު ސުން ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ޖެހި ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު އެ ސްކޫލަށް ޖަހައިދިނީ، އަހުމަދު ސަމާހްއެވެ. ވިލާއަށް މި މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ، އިބްރާހިމް އިމްރާންއެވެ.

މުބާރާތުގެ އެންމެ މޮޅު ދިހަ ކުޅުންތެރިންނަކީ ޗެމްޕިއަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އިބްރާހިމް އިމްރާން، އިސްމާއިލް މިމްރާހް މުއީން، އަހުމަދު ސަމާހް، މުހައްމަދު ލޫތް އިބްރާހިމް، ހަމްދޫން އަބްދުލް ލަތީފް، ސީއެޗްއެސްއީގެ މުހައްމަދު މާއިޝް މައުސޫމް، މުހައްމަދު މިންވާލް، އިސްމާއިލް ރިޔާޝް އަދި ޣާޒީ ސްކޫލްގެ މިޖްދާފް އަބްދުއް ރަޝީދުގެ އިތުރުން އަހުމަދީއްޔާގެ މުހައްމަދު ރަޒާން އިބްރާހިމްއެވެ.

އެންމެ މޮޅު ގޯލު ކީޕަރުގެ މަގާމް ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ކީޕަރ ހަސަން އަލީފް އިބްރާހިމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެޗްއެސްއީގެ މުހައްމަދު މާއިޝް މައުސޫމްއެވެ. މާއިޝް ވަނީ މި މުބާރާތުގައި ބާރަ ލަނޑު ޖަހާފައެވެ. ފެއަރ ޕްލޭ ޓީމަކީ އަހުމަދީއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.

ވިލާއިން ވަނީ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ފައިނަލުގެ އެންމެ ފަހުގެ ތިން އަހަރުގައިވެސް ވާދަކޮށްފައެވެ. އެގޮތުން ދެހާސް ސަތާރަ ވަނަ އަހަރު ޗެމްޕިއަންކަން ހޯދި އިރު މިދިޔަ އަހަރު ފައިނަލްގައި ވިލާ ބަލިވީ އަހުމަދީއްޔާއާއި ވާދަކޮށެވެ. މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ބައިގައި ފަސް ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.