ޚަބަރު

ޤާނޫނުހަދާ މަޖިލީހަށް އެންމެ 4 އަންހެން މެންބަރުން އިންތިޚާބުވުމަކީ ކަންބޮޑުވާކަމެއް- މިނިސްޓަރ ޝިދާތާ


ސަރުކާރު ޖަވާބުދާރީކޮށް، ޤާނޫނުތައް ހެދުމުގެ މަސައްކަތް ކުރާ މަޖިލީހަށް، އެންމެ 4 އަންހެން މެންބަރުން އިންތިޚާބުވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވި މިކަމުގެ ސަބަބުން، ޤައުމީ ސިޔާސަތުތައް ކަނޑައެޅިގެންދާނީ އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތިކަމަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށް ގެންދާ "ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް" ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެތެރެއިން އަންހެނުންނަށް 4 ގޮނޑި ލިބުމަކީ ހިތާމަ ކުރައްވާކަމެއްކަމަށެވެ. މަޖިލީހަކީ ރައްޔިތުންގެ ފަރާތުން ބަސްބުނެ، ރަޔިތުންގެ މަސްލަހަތާއި ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ތަނަކަށްވާއިރު އަންހެނުންގެ ބައިބެރިވުން މަޖިލީހަށް މިޔަވުރެ ބޮޑަށް ބޭނުންވާކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކާއެކުވެސް މިންތީގެ ހަމަކަމަކަށް ޤާއިމުކުރުމާއި، އަންހެނުން ބާރުވެރިކުރުމާއި، ހައިހޫނުކަން ނައްތާލުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، ވިޔަފާރިއާއި، ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ކަންކަން އޮބްޒަރވް ކުރުމަށް ރާއްޖެއައި، ބައިނަލްއަޤްވާމީ ފަރާތްތަކުންވެސްވަނީ މަޖިލީހަށް ހޮވުނު އަންހެން މެންބަރުންގެ އަދަދު މަދުކަން ފާހަގަކޮށްފައެވެ.

"ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް" ހުޅުއްވައި ދެއްވައި ވާހަކަދައްކަވަމުން މިނސްޓަރ ވިދާޅުވީ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވައިލުމުގައި ތަފާސްހިސާބުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެން ނުދާކަމަށެވެ. އަދި މިއީ ބައެއް ދާއިރާތަކުން އެންމެ އެކަށީގެންވާ މިންވަރަށް މުޖުތަމަޢު ކުރިއަރައި ނުދިޔުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަންވެސް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.