ޚަބަރު

މުޅި ރާއްޖެ ރުހިއްޖެ، ބޭނުންވަނީ އިންސާފު


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ވެގެން މިދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ނަތީޖާއަކަށެވެ. އިންތިޚާބުގެ ނަތީޖާ ނުކުތީ ގިނަ ބަޔަކު ޖެހި ހިސާބުތައް ދިމާނުވެ ގިނަ ބަޔަކު ހީކުރި ގޮތާވެސް މުޅިން ޚިލާފަށެވެ. ސަރުކާރު ހިންގާ މައި ޕާޓީއަށް ކޯލިޝަންގެ ތެރެއިން ދިމާވި ގޮންޖެހުންތަކާއި ސިޔާސީ މައިދާނުގައި ކިޔަމުން އައި ބޮޑެތި ފާޑުކިއުންތަކާއެކުވެސް އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ފިސާރި ބޮޑު ތަފާތަކުން މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކޮށް މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަޖިލީހުގައި ހަމަޖެހިލިތަނެވެ.

އިންތިޚާބުގެ ނަތީޖާ ނުކުންނާނެ ގޮތަކާމެދު އެކި މީހުން އެކި ވާހަކަތައް ދައްކަމުންދިޔައިރު އެމްޑީޕީގެ ބައެއް ސަޕޯޓަރުން ޖެހި ހިސާބުތަކުންވެސް ދެއްކީ މަޖިލީހުގެ އިންތިޚާބުގެ ސާޅީހަކަށް ގޮނޑި އެމްޑީޕީން ނަގާ މަޖިލީހުގެ ސިމްޕަލް މެޖޯރިޓީ އެޕާޓީން ނަގާނެކަމަށެވެ. އަދި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ ޖެއްސެވި ހިސާބު މިއަށްވުރެ ކުޑަތަންކޮޅެއް މަތި ނަމަވެސް، އެމަނިކުފާނުވެސް ހިސާބު ޖެއްސެވީ ފަންސާސް ގޮނޑިއަށްވުރެ މައްޗަށެވެ. އަނެއްކޮޅުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އެމްޑީޕީއަށް ދޭން ހިސާބު ޖެހި ގޮނޑީގެ ޢަދަދު ތިރީހަށްވެސް ނާރައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލާ ދެކޮޅަށް ޤާސިމް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ތާއީދުކުރަން ނިންމުމުން އިދިކޮޅު ފަރާތްތަކުން ޖެހި ހިސާބުގެ އަދަދު އެތައްތަނަކުން މަދުކޮށް ހިތް އުފާކޮށްލައިގެން ތިއްބެވެ.

އެހެންނަމަވެސް މަޖިލީހުގެ ވަގުތީ ނަތީޖާތައް އިޢުލާންކުރަން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އިދިކޮޅު ފަރާތްތަކުގެ މި އުއްމީދު ފެނަށް ހިނގަޖެއެވެ. 2008 ވަނަ އަހަރު ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތަޢާރަފުވެ އޭގެ ފަހުން ބޭއްވި އިންތިހާބުގައި އެއްވެސް ގޮތަކަށް އެމްޑީޕީއަށް ތާއިދު ނުލިބުނު ދާއިރާތަކުންވެސް މި ފަހަރު ވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. މި ދެންނެވި ސަރަޙައްދުތަކަށް އާމާޒުކޮށް އިދިކޮޅު ފަރާތަކުން ނެރުނު ކެނޑިޑޭޓުންވެސް އިންތިޚާބުގައި ބަލިވާންޖެހުނީ ފަރަގު ބޮޑުކޮށެވެ.

މާޒީއަށް ބަލާއިރު މީގެ ކުރީގެ އިންތިޚާބުތަކުގައި ށ އަތޮޅާއި މާލެ އަތޮޅާއި ރ އަތޮޅާއި ވ އަތޮޅާއި މ އަތޮޅާއި ލ އަތޮޅާއި ފ އަތޮޅު ފަދަ އަތޮޅުތަކުން ފެނިގެން ދިޔައީ ބޮޑު ތަނުން އެމްޑީޕީގެ ފިކުރު ތަފާތުވިތަނެވެ. އެހެންނަމަވެސް މި ފަހަރު އެ މަންޒަރު މުޅިން ތަފާތެވެ. މުޅި ރާއްޖެއަށް ބަލާލާއިރު އެމްޑީޕީއަށް ގޮނޑިއެއް ނުލިބުނީ ދ އަތޮޅާއި އދ އަތޮޅުން އެކަންޏެވެ.

ބޮޑު ތިލަދުންމަތި އެއްކޮށް ކަހަލަ ގޮތަކަށް އެމްޑީޕީން ފަތަހަކުރި އިރު އެ ސަރަހައްދުން ނުލިބެނީ އެންމެ ގޮނޑިއެކެވެ. އެ ގޮޑިވެސް ނެގީ އަމިއްލަ ގޮތުން ވާދަކުރި މެމްބަރެކެވެ. ށ އަތޮޅަށް ބަލާއިރު ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރާ އެންމެ ވަރުގަދަ ރަށްކަމަށް ބުނަމުންދިޔަ ފުނަދޫންވެސް އެ ދާއިރާގައި މިހާތަނަށް ހުންނެވި ކެނޑިޑޭޓަށް ނޫނެކޭ ބުނެ އެމްޑީޕީގެ ކެނޑިޑޭޓު ހޮވާފައިވަނީ 500 ވޯޓަށް ވުރެ ބޮޑު ތަފާތަކުންނެވެ. ކަނޑިތީމު ދާއިރާގެ މެމްބަރުވެސް ބަލިކޮށްލީ 200 ވުރެ ގިނަ ވޯޓްގެ ތަފާތަކުންނެވެ.

މިހާތަނަށް ޕީޕީއެމުން ކާމިޔާބުކުރަމުން އައި މ އަތޮޅުގެ ރަށްތަކުގެ ތެރެއިން ދިއްގަރު ދައިރާވެސް އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އެ ދާއިރާގެ ކުރީގެ މެމްބަރާއި ވާދަކޮށް އެމްޑީޕީން ކުރި ހޯދީ 300 ވޯޓްގެ ތަފާތުންނެވެ.

މަޖިލީހުގައި އެންމެ އަޑުގަދަ އަދި ޕީޕީއެމް އާއި ޕީއެންސީން ކޮންޓްރޯލްކުރި ފަރާތަކަށްވެސް މަޖިލީހުގެ އިންތިޚާބުގައި ޖެހުނީ ހަމަ މިހާލެވެ. ފޮނަދޫ ދާއިރާއިން މިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ވޯޓެއް ވެސް އޭރުގެ އިދިކޮޅު ޕާޓީތަކަށް ނުލިބޭނެކަމަށް އެދާއިރާ މިހާރުގެ މެމްބަރު ވިދާޅުވެފައިވަނިކޮށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުންވެސް ފެނިގެން މިދިޔައީ އެހެން މަންޒަރެކެވެ. ދާދި ފަހުން ސިޔާސީ މަޝްރަހުން ފެނުނު މޫނަކާއި ވާދަކޮށް އެ މެމްބަރަށްވެސް ވަނީ ގޮނޑި ގެއްލިފައެވެ.

މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު މި ހިނގާ ދައުރު މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި މެމްބަރަށްވެސް ކަންވީ އަދި މާ ދެރަކޮށެވެ. އަދި މާ ތަފާތުވެސް ބޮޑުކޮށެވެ. 500 ވުރެ ގިނަ ވޯޓްގެ ތަފާތަކުން މިފަހަރު ނޫނެކޭ ބުނީ އަމިއްލަ އުފަން ރަށުގެ ރައްޔިތުންނެވެ. ފ އަތޮޅުވެސް އޮތީ ހަމަ މިހެންނެވެ.

އާއްމުކޮށް އެއްވެސް ހާސްކަމެއް ނެތި މަޖިލީހުގެ ގޮނޑިތައް ނަންގަވާ ބޭފުޅުންނަށްވެސް މިފަހަރުގެ އިންތިޚާބުގައި ނަތީޖާ އާއި ހަމައަށް އައިއިރު ތިބީ ހާސްކަމެއްގައެވެ. ބައެއް ބޭފުޅުންނަށް ގޮނޑި ދިފާއު ކުރެވުނީ ކުޑަ ތަފާތަކުންނެވެ. އެގޮތުން 2014ގެ މަޖިލިސް އިންތިޚާބުގައި 82 ޕަސެންޓުން ގޮނޑި ނެންގެވި މާމިގީލީ ދާއިރާގެ މެންބަރަށް މި ފަހަރު އެ ގޮނޑި ދިފާއު ކުރެވުނީ އެންމެ 80 ވޯޓްގެ ތަފާތުންނެވެ.

މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތާމެދު އެކި ވާހަކަތައް ދެކެވެމުންދާއިރު، ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ މި އިންތިޚާބުގެ ނަތީޖާ ދައްކުވައިދިނީ ބޮޑެތި ވައްކަމާއި ކޮރަޕްޝަނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާކަމެވެ. އަދި އެފަދަ ކަންކަން ކޮށްފައި ނުވަތަ އެފަދަ ތުހުމަތުތައްކުރެވޭ ފަރާތްތަށްވެސް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ބައި ތިއްބަން ބޭނުންނުވާކަމެވެ. އަދި އެފަދަ މައްސަލަތައް ބަލާ އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ބޭނުންވާކަމީވެސް މިއިން ދޭހަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

2008 ވަނަ އަހަރު ވެރިކަމަށް އެމްޑީޕީ އައުމަށްފަހު މަޖިލީހުގެ މެޖޯރިޓީ ނުލިބި ވެރިމީހާއަށް ލިބެންޖެހޭ ފުރިހަމަ ބާރު ނުލިބި އެފަހަރު ކުރަން ޖެހުނީ ހިތި ތަޖުރިބާއެކެވެ. މީގެ ކުރިން ވެރިކަންކުރި ޕީޕީއެމްއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނެވެ. އަދި އެ ބާރާއެކު ރައްޔިތުންނަށް މަންފާވާ ގިނަ ކަންތައްތަކެއް ކޮށްދޭންވެސް ވަޢުދުވިއެވެ. ނަމަވެސް ކަން ވީ ހީކުރިގޮތާ ޚިލާފަށެވެ. ސަރުކާރަށް ލިބުނު ބާރާއެކު ވެރިކަން ކުރަމުން އައި ގޮތަށް ރައްޔިތުން ނޫނެކޭ ބުންޏެވެ.

ކޮންމެއަކަސް މިއަދު އަނެއްކާވެސް ރައްޔިތުން މިވަނީ ވެރިކަން ކުރާ މައި ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދީފައެވެ. ރައްޔިތުން މިހާރު ތިބީ މި ފުރުޞަތުގެ ބޭނުން ސަރުކާރުން ހިފާނެ ގޮތެއް ބަލާށެވެ. ރައްޔިތުން ގެ ބަހަކީ ބޭނުމީ އިންސާފެއެވެ. ބޭނުމީ ވައްކަން ނުކުރުމެވެ. ޤައުމު ފަސާދަ ނުކުރެމުވެ. އަމިއްލަ ބޭނުންމަޓަކައި ވަކި ބަޔަކަށް ނާޖާއިޒި ފައިދާ ހޯދާ ނުދިނުމެވެ.

ބޭނުމީ ސިޔާސީ ހަލަބޮލިކަން ނަތްތާލާ ވެރިކަމަށް އައުމަށް ވީ ވައުދުތައް ފުއްދާ މި ޤައުމަށް ތަރައްޤީ ގެނެސްދިނުމެވެ. އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވަނީ ސަރުކާރުން ކަންކުރާ ގޮތް ބަލާ ފާރަވެރިވުމަށް ނޫސްވެރިންނަށްވެސް ގޮވާލައްވާފައެވެ. ރައީސްގެ މި އެދުމާއި އެކު ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވެގެން ތިބީ ހަމައެކަނި ނޫސްވެރިންނެއް ނޫނެވެ. ދިވެހި ރައްޔިތުންވެސް މި ތިބީ މި ސަރުކާރަށް ލިބުނު ރަނުގެ ފުރުޞަތު ބޭނުންކުރާނެ ގޮތް ބަލާ ފާރަވެރިވުމުގައެވެ.