ޚަބަރު

އައު މަޖިލީހުން ރާއްޖޭގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލަދޭންޖެހޭ - ކޮމަންވެލްތު


އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުން، ރާއްޖޭގައި އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް އިސް މަޤާމުތަކަށް އައުމަށް ހުރި ދަތިތަށް ދުރުކޮށްދިނުމަށް ކޮމަންވެލްތުން ގޮވާލައިފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފާހަގަވި ކަންތައްތައް ހާމަކުރުމަށް، އިންތިޚާބު އޮބްޒަރވް ކުރި ކޮމަންވެލްގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މި ޓީމުގައި އިސްކޮށް ހުންނެވި ބްރޫސް ގޯލްޑިންގް ވަނީ މި ފަހަރުގެ އިންތިޚާބު ކުރިޔަށް ދިޔައީ އަމާން އޮމާންކޮށްކަން ފާހަގަކުރައްވާ އެކަމަށް ތައުރީފު ކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އިންތިޚާބުގެ ވޯޓްލުން ގަޑިއަށް ފަށާ، އަމާންކަމާއިއެކު ވޯޓުލުމާއި ވޯޓުގުނުމުގެ ކަންކަން ކުރިއަށްދިޔަކަން ގޯލްޑިންގް ފާހަގަކުރެއްވިއެވެ. ނަވާރަ ރައްޔިތުން މަޖްލީހުގެ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ރާވާ އިންތިޒާމުކޮށްފައިވާ ގޮތަށްވެސް ގޯލްޑިންގ ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި މި އިންތިޚާބުގައި ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވުމަކީ ރާއްޖެއިން މިންތީ ތަފާތުކުރުން ނައްތާލުމަށް ކުރާ މަސައްކަތް ހާމަވެގެންދާކަމެއްކަމަށް ގޯލްޑިންގް ފާހަގަކުރެއްވިއެވެ.

"ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގައި ޖުމުލަ ފަސް އަންހެމް ކަނބަލުން ތިބި އިރު، މި އަންނަ މަޖިލީހުން އަންހެނުންނަށް ކަންކަން ނިންމޭ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުން މުހިންމު. އަޅުގަނޑުމެންނަށް މި އިންތިޚާބު އޮބްޒާރވް ކުރިއިރު ޕޯލިންގެ ސްޓޭޝަންތަކުގައި ގިނަ އަދަދެއްގެ އަންހެނުން ތިބުމަކީ އުފާކުރާކަމެއް. އެގޮތުން ބައެއް ސްޓޭޝަންތަކުގައި ހުސް އަންހެނުން ތިބިކަންވެސް އުފަލާއިއެކު ފާހަގަކުރަން." ބްރޫސް ގޯލްޑިންގް ވިދާޅުވިއެވެ.

ރާއްޖޭގައި މިންތީގެ ތަފާތުކުރުން ނައްތާލުމަށް 2016 ވަނަ އަހަރު ޖެންޑަރ އީކުއަލިޓީ ޤާނޫނެއް ވަނީ ތަސްދީޤުކޮށްފައެވެ. މި ޤާނޫނުގެ ދަށުން، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ގޮތުން ޢަމަލުކުރާނެ ގޮތުގެ މައިގަނޑު އުސޫލުތަކާއި، މިންތި ބަލައި ތަފާތުކުރުން މަނާކުރުމާބެހޭ ސިޔާސަތުތަކުގެ އިތުރުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާތަށް ވަނީ ބަޔާންކޮށްފައެވެ.

ކޮމަންވެލްތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުކުރިއަށް ގެންދިޔަ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައިވާއިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި، ޖަޕާނުން މި އިންތިޚާބު އޮބްޒަރވްކުރަން ވަޑައިގެންނެވި ޓީމުންވެސްވަނީ މި އިންތިޚާބު ކުރިޔަށްގޮސްފައިވަނީ ހާމަކަން ބޮޑު ދެ ފުށް ފެންނަގޮތަކަށްކަން ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް ތަޢުރީފުކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮބްޒަރވްކުރުމަށް ކޮމަންވެލްތްގެ 8 އޮފިޝަލަކުވަނީ ރާއްޖޭގައި ހަރަކާތްތެރިވެފައެވެ.