ސިޔާސީ

ވެރިކަމުގެ ނިޒާމު ބަދަލުވާންޖެހޭ، އެކަމަކު އެއަށްވުރެ މާ މުހިއްމު ކަންކަން އެބަހުރި - ނަޝީދު


ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުވާންޖެހޭކަމަށާއި، ނަމަވެސް އޭގެ ކުރިން ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞާ އިންޓަވިއުއެއްގައި ވާހަކަފުޅުފަދައްކަވަމުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ކުރެއްވުމަށް އެމަނިކުފާނަށް ވަގުތު ދެއްވަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ދެއްވި އިންޓަރވިއުގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަށް ރައީސްއަށް ވަގުތު ނުދެއްވާ، ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް އެމަނިކުފާނު ވަޑައިގަތުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ބޮޑުވަޒީރަކަށް ވާންވެގެން އަނެއްމީހަކު އަނެއްކަމެއް ވާންވެގެން ގޯއްޗެއް ނުދެވުނީމަ ކަމަކު ނުދާނެ. ނަރުދަމާ ނާޅާދެވުނީމަކާ ކަމަކުނުދާނެ. ޑައިލިސިސް ހެދެންޖެހޭނެ. ކުޑަކުދިންގެ ޑޮކްޓަރެއް ހުންނަންޖެހޭނެ. ރަށުބަންދުގައި ތިބެގެން ނުވާނެ. ވަޒީފާއެއް އޮންނަންޖެހޭނެ. މިއީ މާ މުހިންމު ކަންތައްތަކެއް ފުރަތަމަ."

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު އަންނަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާ ބޭފުޅެއްކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ބަރުލަމާނީ ނިޒާމްގެ ފަލްސަފާތައް ޤަބޫލުކުރާ ޕާޓީއެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ އަދި އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމްދެކި ހުންނަ މީހެއް. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީއަކީވެސް އެ ފަލްސަފާ ޤަބޫލުކުރާ ޕާޓީއެއް. މިވަގުތު ނިޒާމް ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ދައްކަވަންޔާ ދައްކަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިންގޭތޯ. ރައީސުލްޖުމްހޫރިއްޔާއަށް އުނދަގޫފުޅުވާގޮތަށް އަޅުގަނޑު އެކަމެއްކުރާކަށް ބޭނުމެއްނުވޭ."

މުސްތަޤްބަލުގައިވެސް ބޮޑުވަޒީރަކަށް ވަޑައިގަންނަވަން އުޅުއްވާނަންތޯ ސުވާލުކުރެއްވުމުން އެކަމަށް ސީދާ ޖަވާބު ނުދެއްވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސީ ހަޔާތް އަދި ނުނިމޭ ކަމަށެވެ. ބަރުލަމާނީ ނިޒާމް ރާއްޖެއަށް ތަޢާރަފްވެގެން އަންނަންޖެހޭނީ އެމްޑީޕީގެ އެކި ގޮފިތަކާއި، ކޮންގްރެސްގައިވެސް މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްފަހު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމު ގެނައުމުގެ އެއްވެސް މަސައްކަތެއް ފަށްޓަަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އިޒުނައާއި ރުހުން މިކަމުގައި ހޯއްދަވައިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވެރިކަމުގައި މިތިބީ. ރައީސުލްޖުމްހޫރިއްޔާވެސް އެއީ އެމްޑީޕީ. ރައްޔިތުންގެ މަޖިލިސްވެސް އެއީ އެމްޑީޕީ. މިވަގުތަށް ބަލާއިރު އަޅުގަނޑުމެންނަށް ވާ އުނދަގުލެއް ނެތް. އެހެންނަމަވެސް އަޅުގަނޑު އަދިވެސްދެކެނީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމްކަމަށް. މީގެއިން އެއްވެސް މަސައްކަތަކަށްވެސް ފަށައިގަންނަންވެސް ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އިޒުނައާއި ރުހުންވެސް ހިތްވެސް މިކަމުގައި އޮވެގެން."

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ދުނިޔޭގެ އެހެންޤައުމުތަކަށްވުރެ ރަނގަޅަށް ރާއްޖޭގައި ބަރުލަމާނީ ނިޒާމު ހިންގާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ސާފުވާންޖެހޭކަން ފާހަގަކުރައްވާ މިސާލު ޖައްސަވަމުން ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވަންޖެހޭ ކަމަށެވެ. އަދި މުސްތަޤިއްލު މުއައްސަސާތަކާއި އެކިއެކި މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ބޭފުޅަކު ހުންނެވުމަށްފަހު، އަދި ސަރުކާރެއްވެސް އޮންނަންޖެހޭކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކީ ރަދުން ހުންނަންވެސް އެދޭ މީހެއް. ބަރުލަމާނީ ސިފަތައް ޤަބޫލުކުރާ މީހެއް. ރަދުންނޭ މިދަންނަވަނީ ދަޢުލަތުގެ އެންމެ މަތީވެރިއެއް ހުރެފަ ދެން ސަރުކާރެއް ހިންގަމުން އައުން. އަޅުގަނޑަކަށް އަޅުގަނޑު ދެކޭދެކުން ބަދަލުކުރަންޖެހޭ ސަބަބެއް ނާދޭ."

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާޢީދުކުރެއްވި ނަމަވެސް ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރާއްޖޭގައި މިވަގުތު މި އޮތީ މައްސުނި ނިޒާމެއްކަމަށާއި، ކޮންމެ ނިޒާމެއްގައިވެސް ބޭނުންވަނީ އިޚްލާސްތެރިކަން ކަމަށެވެ.