ސިޔާސީ

ކ.އަތޮޅުގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ނުލިބޭތާ 15 އަހަރު!


ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މިފަހަރުވެސް އެމްޑީޕީއަކަށް ކ. އަތޮޅުގެ އެއްވެސް ދާއިރާއެއް ކާމިޔާބެއްނުވިއެވެ.

ކ. އަތޮޅުގައި އޮންނަނީ ތިން ދާއިރާއެކެވެ. އެއީ ކާށިދޫ ދާއިރާއާއި ގުރައިދޫ ދާއިރާއި ތުލުސްދޫ ދާއިރާއެވެ. މި ތިން ދާއިރާއަށްވެސް އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރިއެވެ. ނަމަވެސް އެއިން އެއްވެސް ކެންޑިޑޭޓަކަށް މި އިންތިޚާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ހަ ކެންޑިޑޭޓަކު ވާދަކުރިއެވެ. އޭގެރެއިން އެންމެ ގިނަ ވޯޓު ހޯދާ ގޮނޑި ކާމިޔާބު ކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޢަބްދުﷲ ޖާބިރެވެ. ޖާބިރަކީ 17ވަނަ މަޖިލީހުގައި ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާ އެ ގޮނޑި ފުރުއްވި ކުރީގެ ކާށިދޫ ދާއިރާގެ މެންބަރެކެވެ. މިފަހަރުގެ އިންތިޚާބުގައި ޖާބިރާ އެންމެ ބޮޑަށް ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުﷲ ރިފްޢަތެވެ. އޭނާއަށް ލިބުނީ 777 ވޯޓެވެ. ޖާބިރަށް މި އިންތިޚާބުގައި 829 ވޯޓު ލިބިވަޑައިގަތެވެ.

ގުރައިދޫ ދާއިރާއަށް ބަލާއިރު މި ދާއިރާއަށްވެސް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ނިސްބަތުން ވަނީ ވާދަކުރައްވާފައެވެ. އެގޮތުން މި ދާއިރާއަށް ފަސް ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޕީޕީއެމްގެ އިބްރާޙީމް ރިޒާއެވެ. އިންތިޚާބުގައި ރިޒާއާ އެންމެ ބޮޑަށް ވާދަކުރެއްވީ މުޙައްމަދު ޢާދިލް ސަލީމެވެ. އާދިލް ސަލީމަށް 940 ވޯޓު ލިބުނެވެ. ރިޒާ ލިބިވަޑައިގަތީ 1105 ވޯޓެވެ.

ތުލުސްދޫ ދާއިރާއިން އެމްޑީޕީއަށް މިފަހަރުވެސް ކުރިމަތިވީ ނާކާމިޔާބާއެވެ. ތުލުސްދޫ ދާއިރާއަށް ހަ ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެތެރޭގައި މިހާރުގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާޙީމްވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި އިބްރާޙީމް ޙަސަނެވެ. އޭނާއަށް 850 ވޯޓު ލިބިވަޑައިގަތެވެ. އިބްރާޙީމް ޙަސަނާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޢަބްދުﷲ ރާފިޢުއެވެ. އޭނާއަށް ލިބިވަޑައިގަތީ 350 ވޯޓެވެ. މިހާރުގެ މެންބަރު މުޙައްމަދު ވަޙީދަށް ލިބިވަޑައިގަތީ 300 ވޯޓެވެ.

މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން ރާއްޖޭގައި ވެރިކަން ކުރަން 2008ވަނަ އަހަރު ފެށީންސުރެ މިހާތަނަށް ބޭއްވި އެއްވެސް މަޖިލިސް އިންތިޚާބެއްގައި ކ. އަތޮޅުގެ އެއްވެސް ދާއިރާއެއް އެމްޑީޕީއަށް ލިބިފައެއްނުވެއެވެ. ގުރައިދޫ ދާއިރާއަށް އިންތިޚާބުވި މިހާރުގެ މެންބަރު ރިޒާއަކީ 2009ވަނަ އަހަރުން ފެށިގެން އެ ގޮނޑި ފުރުއްވަމުން ގެންދަވާ މެންބަރެވެ. އަދި ކާށިދޫ ދާއިރާއަކީވެސް މިހާތަނަށް އެމްޑީޕީއަށް ލިބުނު ދާއިރާއެއް ނޫނެވެ. 17ވަނަ ރައްޔިތުން މަޖިލީހުގައި އެންމެ ފުރަތަމަ ކާށިދޫ ދާއިރާއަށް އިންތިޚާބުވީ އިސްމާޢީލް ޢަބްދުލް ޙަމީދެވެ. ސާބިތު ދަރަނީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ޙުކުމް ކުރުމުން އޭނާގެ ގޮނޑި ގެއްލުނެވެ. އަދި އޭގެފަހުން ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވީ މިފަހަރު ކާށިދޫ ދާއިރާ ކާމިޔާބު ކުރެއްވި ޢަބްދުﷲ ޖާބިރެވެ. 18ވަނަ މަޖިލީހުގައި އެ ގޮނޑި ފުރުއްވީ މިހާރުގެ ނާއިބު ރައީސް ފައިޞަލް ނަސީމެވެ. ތުލުސްދޫ ދާއިރާއަށް 2009ވަނަ އަހަރު އިންތިޚާބުވެވަޑައިގަތީ މިހާރުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާ އިންތިޚާބުވެވަޑައިގަތީ ޑީއާރްޕީގެ ޓިކެޓެއްގައެވެ. އޭގެފަހުން 2014ވަނަ އަހަރު ބޭއްވި އިންތިޚާބުގައި މި ދާއިރާ ކާމިޔާބު ކުރެއްވީ މުޙައްމަދު ވަޙީދު އިބްރާޙީމެވެ. އޭނާ އެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައެވެ.