މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމުގެ ޝަޢުޤުވެރިކަން ނެތްނަމަވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ވެވަޑައިގަތުމުގެ ޝަޢުޤުވެރިކަން ހުންނެވިކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކުވެސް އެ ދާއިރާއެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރައްވަން ބޭނުންފުޅުވާނެ ކަމަށެވެ. އެކަންކަން ކުރުމަށް އޮންނަ އުސޫލްތަކާއި ޤަވާއިދުތައް އެކަށައަޅަމުން ގެންދެވޭނެކަމަށާއި، އެމްޑީޕީގެ މެންބަރުންނާއިއެކު އެކަން އެމަނިކުފާނަށް ކުރެެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެއްވެސް މެންބަރެއް ބާކީނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ މެންބަރުންނަށްވެސް ވަގުތުދީ އެ ދާއިރާއަކަށް ބޭނުންވާ ކަންކަން ހަމަޖެހިގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ ވަކިވަކި ދާއިރާގެ ބަދަލުގައި މުޅި ރާއްޖޭގެ ފައިދާއާއި ތަރައްޤީއަށް ޕާލިމަންޓްރީ ގުރޫޕުގެ ހުރިހާ މެންބަރުންވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުގެ ޝަޢުޤުވެރިކަން އެބަހުރި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް ލީޑްކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުމެންނަށް ފަސްދޮޅަސް ހަތްދިހަ ބޭފުޅުންނާއެކީގައި ހުރިހާ އެންމެން ރަޙްމަތްތެރިކަމާއެކު މަޝްވަރާކުރަމުން ކަންކަން ކުރިއަށް ގެންދެވޭނެ. އަޅުގަނޑެއް ނުދެކެން އުނދަގޫވާނެކަމަކަށް،" ނަޝީދު ވިދާޅުވިއެވެ،
އެމްޑީޕީއަށް މަޖިލީހެއް ހިންގާނެގޮތް އެނގޭނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހާއި ޕާލިމަންޓްރީ ގްރޫޕާއި ގުޅުން އޮންނަންޖެހޭ ގޮތް އެމްޑީޕީއަށް އެނގި ފަރިތަކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރައްވަން ޚުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތަކީ މަޖިލީހުގެ ރައީސް ކުރައްވާ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސްގެ ޒިންމާއަކީ މަޖިލިސް ހިންގުމުގެ ޒިންމާކަމަށާއި މަޖިލީހުގެ މަސައްކަތްކުރާ ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހަށް އިންތިޚާބުވެވަޑައިގަތީވެސް މަޖިލީހުގެ މަސައްކަތްކުރައްވަން ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން މަޖިލީހުގެ މަސައްކަތް އަޅުގަނޑު ކުރުން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެޖެންޑާ 19 ގައި ހިމެނޭ ޤާނޫނުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަންޖެހޭނީ މަޖިލީހުގެ ތަޅުމުގައި. އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އެހެންބޭފުޅަކު އަންނަންޖެހޭކަމަށް. އަޅުގަނޑުމެންގެ ތެރޭ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާ ހުރި މެންބަރަކަށް ހުންނެވީ އައްޑު އަތޮޅުގެ އިއްޒަތްތެރި މެންބަރުކަންކުރައްވާ ހިތަދޫ އަސްލަމް. އަދި ތަޖުރިބާ ހުންނެވި ބޭފުޅެއް. އަދި މަޖިލީހުގެ އެކިއެކި އަޚްލާގާ އަދި މަޖިލީހުގެ އުސޫލްތައްވެސް ސާފުވެވަޑައިގަންނަވާނެ ޤާނޫނު އަސާސީއަށްވެސް ފަރިތަވެވަޑައިގަންނަވާނެ އަދި ޢާންމު ދިރިއުޅުމުގައިވެސް ނަޒާހަހްތެރި ބޭފުޅެއް. ވަރަށް މަޤުބޫލްކަމެއް އޭނާ ހޯއްދަވާފައިވޭ." އަސްލަމަށް ތަޢުރީފު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޠާސަތަށް އަސްލަމް ގެންނެވުމަށް އެމަނިކުފާނު ޝަޢުގުވެރިކަން ހުންނެވި ނަމަވެސް އެ ނިންމުން ނިންމަވާނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާކުރުމަށްފަހުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.