ހދ. ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ޖަނަރޭޓަރު ސެޓުތަކުން ކަރަންޓު ކަނޑާލާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބަޔަކު ވެގެން ނެއްލައިދޫ އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ދޮރުފަތް ހަލާކުކޮށްލާ އެތަނުގައި ހުރި 3 ޖަނަރޭޓަރ ސެޓް ނިއްވާލާއި މުޅިރަށުން ކަރަންޓު ކަނޑާލިކަމަށެވެ. އަދި މުވައްޒަފުންނަށް ބިރުދައްކައި ނުނިކުމެވޭނެ ގޮތަށް ދޮރުތައްވެސް ބަންދުކުރިކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ. ނަމަވެސް ފަހުން ފުލުހުން އެސަރަޙައްދަށް ދިޔަކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.
ފެނަކައިން ބުނީ ހދ. ނެއްލައިދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިދިޔަ މަހު ފަހުކޮޅުވެސް އެ ރަށަށް 120 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސް އިންސްޓޯލްކޮށްފައިވާކަމަށެވެ. އަދި އެ ބްރާންޗްގައި މިހާރު ހުރި 160 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓްތަށް އޯވަރހޯލް ކުރުމަށް ބޭނުންވާ ސްޕެއަރތައް ފޮނުވާ، އެ މަސައްކަތް މި ހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަކަށްވަތީ ހޫނު ގަދަވުމުން ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން މެންދުރު ގަޑީގައި ހދ. ނެއްލައިދޫ އިން ކަރަންޓްގެ ޙިދުމަތް މެދުކެނޑެމުންދާކަމަށާއި މި ކަމަކީ އެކުންފުނިން ބަލަހައްޓާ ވަރަށް ގިނަ ބްރާންޗްތަކަށް މިދުވަސްކޮޅު ދިމާވަމުންދާ މައްސަލައެއްކަން ފެނަކައިން ފާހަގަކުރެއެވެ.
އެހެންކަމުން މަދު ބަޔަކުވެގެން ހިންގި މިފަދަ ފިނޑި ޢަމަލެއްގެ ސަބަބުން މުޅި ރަށުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވާތީ، ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ. އަދި ޚިދުމަތް އިޔާދަ ކުރުމާއި ޚިދުމަތް މެދުކެނޑި ނުދިޔުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުވެސް ފެނަކައިން ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ.