ސިޔާސީ

އިންތިޚާބަށް ޚަރަދުކުރި ގޮތުގެ ތަފްޞީލް މޭ ފަހެއްގެ ކުރިން ހުށަހަޅަންޖެހޭނެ


ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު ކުރި ޚަރަދުތަކާއި ގުޅޭ މާލީ ބަޔާނެއް އަންނަ މޭ މަހުގެ ފަސްވަނަ ދުވަހު ކުރިން ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އިސްމާޢީލް ޙަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުން ބަލިވިއަސް އަދި އިންތިޚާބުން މޮޅުވި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ ކެނޑިޑޭޓެއްގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގޮސްފައިވާއިރު މި އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ.