ޚަބަރު

އެލައިސް 2019 ފުވައްމުލައް ބޮޑީބޯޑިން މުބާރާތް ވިއާމް ކާމިޔާބުކޮށްފި


ރާއްޖެ ބޮޑީބޯޑިން އިން ފުވައްމުލަކުގައި ބޭއްވި އެލައިސް ބޮޑީބޯޑިން މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ވިއާމް ހޯދައިފިއެވެ.

ސޯސްޕޯޓްސްއިން ސްޕޮންސަރ ކޮށްގެން، އަށާރަ އަހަރުން ދަށުގެ ކުދިންނަށް ބޭއްވި މި މުބާރާތް ވިއާމް ކާމިޔާބުކުރީ، ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ޢަބްދުﷲ ޝިމާލް ޝަމީމް ބަލިކޮށްގެންނެވެ. ވިއާމްއަށް ޗެމްޕިއަންކަން ލިބުނީ، ވިއާމްގެ ކުރިމަތިން ޝިމާލް ރާޅާ އެޅުމުގެ ސަބަބުން ހައިސްކޯ ބީޓުވުމުންނެވެ. މުބާރާތުގެ ތިންވަނަ ހޯދީ، މިދިޔަ އަހަރުގެ މުބާރާތުގެ ރީ ކޮލިފައިނުން ކެޓި ޝިނާޒް މުޙައްމަދެވެ.

ޕީއެސްއެމް ސްޕޯޓްސަށް މަޢުލޫމާތުދެމުން، މިމުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި، ރާއްޖޭގެ އެއްވަނަ ބޮޑީބޯޑަރ ޢަލީ ޚުޝްރުވާން އަޙުމަދު ބުނީ، ކުރީ އަހަރާ އަޅާބަލާއިރު މުބާރާތުގައި ވާދަކުރި ބޮޑީބޯޑަރުން ވަރަށް ބޮޑަށް އިމްޕްރޫވްވެފައިވާ ކަމަށާއި، ވަކިވަކި ބޮޑިބޯޑަރުންނަށް ބެލިކަމުގައި ވިޔަސް ތަފާތު ފެންނަވަނަރަށް ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކާމިޔާބުކުރި ވިއާމް އަކީ ފާއިތުވި އަހަރު ތިންވަނައަށް ހޮވުނު ބޮޑީބޯޑާރ ކަންވެސް އައްޔަ ވަނީ ފާހަގަކޮށްފައެވެ. އައްޔަބުނީ، މިފަހަރު މުބާރާތުގައި، މިދިޔަ އަހަރާއި ޚިލާފަށް ރާޅުވެސް ކުދި ކަމަށާއި، އެހެންކަމުން ރާޅާއެޅުންތެރިންނަށް އެކަން ވަރަށް ބޮޑު ޗެލެންޖަކަށް ވެގެންދިޔަ ކަމަށެވެ. އަދި މުބާރާތް ބޭއްވުމުގައި ކުރިން އަހަރެކޭވެސް އެއްގޮތަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާކަން އައްޔަ ފާހަގަކުރިއެވެ.

ރާއްޖެ ބޮޑީބޯޑިން އަކީ ރާއްޖޭގައި ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން ސީސްޕޯޓްސްގެ ސްޕޮންސާޝިޕްގެ ދަށުން މިއަހަރު، ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި، ބޮޑީބޯޑިން މުބާރާތް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ފުވައްމުލަކުން މި މުބާރާތަށް ލިބެމުން އަންނަ ބޮޑު ތަރުހީބާއިއެކު، ފުވައްމުލައް ސިޓި ކައުންސިލާއި ގުޅިގެން، އަންނަ އަހަރު ފުވައްމުލަށް ސިޓީގެ ސްކޫލުތަކަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގުރާމެއް ހިންގުމަށްވެސް ރާއްޖެ ބޮޑީބޯޑިން އިން ވަނީ ނިންމާފައެވެ.