ސިޔާސީ

މަޖިލިސް އިންތިޚާބު ދިޔައީ ވަރަށް އިންސާފުވެރިކޮށް - ޖަޕާންގެ އޮބްޒަރވަރުން


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އިންސާފުވެރިކަމާއި އެކުގައި އިންތިޚާބު އޮބްޒަރވް ކުރުމުގައި ޙަރަކާތްތެރިވި ޖަޕާން ސަރުކާރުގެ ވަފްދުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބު އޮބްޒަރވް ކުރުމަށްޓަކައި ޖަޕާންގެ ޕާލިމަންޓަރީ ވައިސް ފޮރިން މިނިސްޓަރާއި އެކު 8 ބޭފުޅުންގެ ވަފްދެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އިންތިޚާބު އޮބްޒަރވް ކުރުމަށްފަހު ޖަޕާންގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް އިންސާފުވެރިކަމާއި، ހަމަހަމަކަމާއި ދެފުށް ފެންނަ ސުލްހަވެރި މާހައުލެއްގައި ކަމަށެވެ.

ޖަޕާނުގެ އިތުރުން މިފަހަރުގެ އިންތިޚާބު އޮބްޒަރވް ކުރުމަށްޓަކައި މިފަހަރު 30އަށްވުރެ ގިނަ އޮބްޒަރވަރުން ވަނީ ޙަރަކާތްތެރިވެފައެވެ. އޭގެތެރޭގައި ކޮމަންވެލްތުފަދަ ޖަމިއްޔާތައް ހިމެނެއެވެ. އެ ހުރިހާ ޖަމިއްޔާތަކުންވެސް ބުނެފައިވަނީ މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއްވެސް ގޮސްފައިވަނީ ވަރަށް އަމާން ކަމާއި އެކުގައި ކަމަށެވެ.