ޚަބަރު

ކްރައިސްޗަރޗަށް ދިން ހަމަލާ ތަޙުޤީޤުކުރަން އެކުލަވާލި ކޮމިޝަނުގެ ރިޕޯޓު ޑިސެމްބަރު 10 ގައި ޢާއްމުކުރާނެ


މިދިޔަ މާރިޗު މަހުގެ ފަނަރަ ވަނަ ދުވަހު ނިއުޒިލޭންޑްގެ ކްރައިސްޗަރޗްގައި ހުންނަ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާތައް ތަހްޤީޤުކުރުމަށް ނިއުޒިލެންޑްގެ ސަރުކާރުން އެކުލަވާލި ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ޢާއްމުކުރާނީ، މިއަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުކަމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަރން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު އެ ޤައުމުގައި ދިން ޓެރަރިސްޓް ހަމަލާގައި ފަންސާސް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމުވެފައިވެއެވެ. މި ހަމަލާދީފައިވަނީ އޮސްޓްރޭލިޔާގެ ރައްޔިތެއްކަމުގައިވާ 28 އަހަރުގެ ބްރެންޓަން ޓްރަންޓް ނަމަކަށް ކިޔާ މީހެކެވެ.

ހުކުރު ދުވަހު އޮސްޓްރޭލިޔާގެ ކޯޓަކުން ވަނީ، ގަސްދުގައި މީހުން މެރިކަމުގެ ސާޅިސް ނުވަ ދަޢުވާ އޭނާގެ މައްޗަށް އުފުލާފައެވެ. މި ހަމަލާ ތަހްޤީޤުކުރުމަށް އުފެއްދި ޚާއްޞަ ކޮމިޝަނާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އާޑަރން ވިދާޅުވީ، ސަރުކާރުން އެކުލަވާލާފައިވާ މި ކޮމިޝަނަކީ މި ހަމަލާ ދިނުމުގެ ކުރިން ހިނގާފައިވާ ކަންކަން ދެނެގަތުމަށާއި، މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް ނިއުޒިލޭންޑުން ކުރަމުންދާ މަސައްކަތްތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ކޮމިޝަނެއް ކަމަށެވެ.

އާޑަރން ވިދާޅުވީ، މި ކޮމިޝަންގެ މަސައްކަތްތަކުގެ ތެރޭގައި ނިއުޒިލޭންޑްގެ ސަލާމަތީ ބާރުތަކުން އަދާކުރަން ޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވޭތޯ ބަލަމުންދާނެ ކަމަށާއި، މިކަމުގައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކުރާނެކަމަށެވެ. ނިއުޒިލޭންޑްގެ ސަރުކާރުން އެކުލަވާލާފައިވާ މި ކޮމިޝަނުން ހެކިތައް ދިރާސާކުރަން ފަށާނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބޮޑުވަޒީރު އާޑަރން ވިދާޅުވިއެވެ.