ޚަބަރު

އެމެރިކާގެ ހޯމްލޭންޑް ސެކެޓްރީ ކަރސްޓަން ނީލްސަން މަޤާމުން އިސްތިއުފާދެއްވައިފި


އެމެރިކާގެ ހޯމްލޭންޑް ސެކެޓްރީ ކަރސްޓަން ނީލްސަން ކުއްލިގޮތަކަށް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ނީލްސަން މަޤާމުން އިސްތިޢުފާދެއްވުމަށްފަހު ޢާއްމުކުރައްވާފައިވާ ސިޓީގައި، އޭނާ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ.

އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، މިއީ އޭނާ މަޤާމުން ދުރަށްވަޑައިގަތުމަށް އެންމެ މުނާސަބު ވަގުތު ކަމަށާއި، އޭނާ މަޤާމާ ހަވާލުވެވަޑައިގެންނެވި އިރަށް ވުރެ، މިހާރު އެމެރިކާގެ ސަލާމަތީ ކަންކަން މާ ހަރުދަނާވާނޭކަމަށެވެ.

އޭނާ ވިދާޅުވީ، އެމެރިކާގެ ހޯމްލޭންޑް ސެކެޓްރީގެ މަޤާމު އަދާކުރެއްވަކީ އޭނާގެ ހަޔާތުގައިވެސް މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފުކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ނީލްސަންގެ ބަދަލުގައި ހޯމްލޭންޑް ސެކްރެޓަރީ ކަމުގެ މަޤާމާ ވަގުތީގޮތުން ދެން ހަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ކޮމިޝަނަރ ކެވިން މެކެލީނަން ކަމަށެވެ. ކަރސްޓަން ނީލްސަން މަޤާމުން އިސްތިޢުފާ ދެއްވުމާއެކު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވަނީ އެކަމަށް މަރުޙަބާކިޔާފައެވެ.