ޚަބަރު

ތުރާބުލުސް ހިފުމަށް ލީބިޔާގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި 21 މީހުން މަރުވެއްޖެ

ލީބިޔާގެ އިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުން އެ ޤައުމުގެ ވެރިރަށް ތުރާބުލުސް ހިފުމަށް ކުރަމުންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ އަސްކަރީ ބާރުތަކާ ދެމެދު މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުގައި އެކާވީސް މީހުން މަރުވެފައިވާކަމަށް ލިބިޔާގެ ސަރުކާރުން ބުނެފިއެވެ.

2011 ވަނަ އަހަރު ލީބިޔާގައި ކުރި ދާޚިލީ ހަނގުރާމައިގައި، ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ހަނގުރާމަކުރުމަށް، އެ ޤައުމުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރި ޖަމާޢަތްތަކެއް އުފަންވިއެވެ. ޤައްޒާފީގެ ވެރިކަން ވައްޓާލި ނަމަވެސް އެ ޤައުމުގައި ކުރަމުން ދިޔަ ހަނގުރާމަ ނިމުމަކަށް އައިސްފައެއް ނުވެއެވެ.

ދާޚިލީ ހަނގުރާމައިގެ ތެރޭގައި އުފެދުނު ހަނގުރާމަވެރި ޖަމާޢަތްތައް އެކަތިގަނޑަކަށްވެ، އެ ޤައުމުގެ އިރުމަތީގެ ސަރަހައްދުތައް ހިފާފައިވާއިރު، އެ ޤައުމުގެ އާ ސަރުކާރުން ކޮންޓްރޯލްކުރަމުން ދިޔައީ ހުޅަނގުގެ ސަރަހައްދުތަކެވެ. އެ ޤައުމުގެ ދެ ސަރަހައްދު މިގޮތަށް ބަހާލައިގެން، ދެ ސަރަހައްދުގެ ކޮންޓްރޯލް ދެ ފަރާތުން ބަލަހައްޓަމުންދާތާ އެތައް އަހަރެއް ވެފައިވާ އިރު، އދން އުއްމީދުކޮށްގެން އޮތީ ހަނގުރާމަ ނިމުމަކަށް ގެނެސް، މި އަހަރުގެ ތެރޭގައި އެގައުމުގައި އިންތިޚާބެއް ބޭއްވުމަށެވެ.

އެހެންނަމަވެސް ލީބިޔާގެ އިރުމަތީގެ ސަރަހައްދުތައް ކޮންޓްރޯލްކުރަމުންދިޔަ ލީބީއަން ނޭޝަނަލް އާމީ، އެލް.އެން.އޭއިން ހުސްވި ހަފުތާގައި މިވަނީ، އެ ޤައުމުގެ ހުޅަނގުގެ ސަރަހައްދުތައް ހިފާނެކަމުގެ އިންޒާރުދީ، އެ އިންޒާރަށް ޢަމަލުވެސްކުރަން ފަށާފައެވެ. މިއާއެކު ވެރިރަށް ތުރާބުލުސްގެ ދެކުނުގައި މިހާރު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

ލީބިޔާގެ އިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުން އެ ޤައުމުގެ ވެރިރަށް ތުރާބުލުސް ހިފުމަށް ކުރަމުންދާ މަސައްކަތްތަކުގައި، އެފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ އަސްކަރީ ބާރުތަކާ ދެމެދު މިހާތަނަށް ހިނގާފައިވާ ކުރިމަތިލުންތަކުގައި އެކާވީސް މީހުން މަރުވެފައިވާ ކަމަށް ލިބިޔާގެ ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ކުރިމަތިލުންތަކުގައި މިހާތަނަށް ހަތާވީސް މީހަކު ޒަޚަމުވެފައިވާ ކަމަށްވެސް ލީބިޔާގެ ސަރުކާރުން ވަނީ ބުނެފައެވެ.