ސިޔާސީ

މާވަށު ދާއިރާގެ ވޯޓު އަލުން ގުނުމަށް ނިންމާ، އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފި


އެއްދާއިރާގެ ވޯޓު އަލުން ގުނަން ނިންމާ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް 87 ދާއިރާއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެޕާޓީން ވަނީ 65 ދާއިރާއެއް ކާމިޔާބުކޮށް ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަކި ޕާޓީން ހޯދި ޕާޓީއަށްވެފައެވެ. އެޕާޓީއާއި ގާތްކުރާ ޢަދަދަށްވެސް އެހެން އެއްވެސް ޕާޓީއަކަށް ގޮނޑި ލިބިފައެއްނުވެއެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރި މެންބަރުންނެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި މެންބަރުން ވަނީ 7 ގޮނޑި ކާމިޔާބުކުރައްވާފައެވެ. ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ.

އިދިކޮޅު ޕާޓީތަކުގެ ތެރެއިން ޕީޕީއެމަށް ފަސް ގޮނޑި އަދި ޕީއެންސީއަށް ކާމިޔާބު ކުރެވިފައިވަނީ ދެ ގޮނޑިއެވެ. އެމްޑީއޭ އަށް ކާމިޔާބު ކުރެވިފައި ވަނީ ދެ ގޮނޑިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށާއި، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޕާޓީ ޑީއާރުޕީއަށާއި، ދާދި ފަހުން އުފެއްދި އެމްޓީޑީއާއި ލޭބަރ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކުރެވޭގޮތް ނުވެ ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އިޢުލާންކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދަޅުވީ، ގިނަ ކެނޑިޑޭޓުންތަކެއް ވާދަކުރި އެއް ދާއިރާއެއްގެ ވޯޓު އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ވޯޓު ފޮށި އަލުން ގުނަން ނިންމާފައިވަނީ ލ.މާވަށު ދާއިރާގެ ވޯޓު ފޮށިތަކެވެ. އެދާއިރާއަށް ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ފަލާޙަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަޤަކީ އެންމެ 13 ވޯޓެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބާއި ގުޅިގެން އެ ކޮމިޝަނަށް 15 ޝަކުވާއެއް ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެގައި ހިމެނެނީ ރީ-ރަޖިސްޓްރޭޝަންގެ ޝަކުވާތަކާއި، ވޯޓްލާ މަރުކަޒުތަކުގައި ބައެއް ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުގެ ޝަކުވާއާއި ރިޝްވަތުދިން ކަމުގެ ޝަކުވާކަމަށް އީސީން ވިދާޅުވެއެވެ