އީރާނުގެ އަސްކަރިއްޔާގެ މުހިއްމު ގޮތްޕެއް ކަމަށްވާ އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑުންގެ ފައުޖުތަކަކީ ޓެރަރިސްޓުންގެ ގޮތުގައި އެމެރިކާއިން ކަނޑައަޅައިފިނަމަ، އީރާނުން ރައްދުގައި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ދެއްވައިފިއެވެ. 
އެމެރިކާގެ ސަރުކާރުގެ ތިން އޮފިޝަލަކު ދާދި ފަހުން ރޮއިޓަރސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެމެރިކާއިން ވަރަށް އަވަހަށް އިރާނުގެ ރިވޮލޫޝަނަރީ ގާޑުންނަކީ ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާނެކަމަށެވެ. 
އެމެރިކާއިން މި ފަދަ އިޢުލާނެއް ކޮށްފި ނަމަ އެކަން ވެގެންދާނީ، އެހެން ޤައުމެއްގެ އަސްކަރިއްޔާގެ ގޮތްޕެއް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާ ފުރަތަމަ ފަހަރަށެވެ. 
އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ދުއިސައްތަ ނުވަދިހަ މެމްބަރުންގެ ތެރެއިން ދުއިސައްތަ ފަންސާސް ފަސް މެމްބަރުން އެކުގައި ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން މި ފަދަ ނިންމުމެއް ނިންމައިފިނަމަ، އީރާނުންވެސް ރައްދުގައި ފިޔަވަޅުތަކެއް އަޅާނެކަމަށެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމެރިކާއަކީ މެދުއިރުމަތީގައި ޓެރަރިސްޓް ޖަމާޢަތްތައް އުފައްދާ، އެފަދަ ޖަމާޢަތްތަކަށް އެހީތެރިވެދޭ ޤައުމަކަށްވާހިނދު، އެ ޤައުމުން މިފަދަ ނިންމުމެއް ނިންމުން ވެގެންދާނީ ދަށުދަރަޖައިގެ އަދި ފަރުވާކުޑަ ޢަމަލަކަށްކަމަށެވެ. 
އީރާނުގެ ރިވޮލޫޝަނަރީ ގާޑުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާއިން މަސައްކަތްކުރަމުންދަނީ، އިސްރާއީލުން މިކަމަށް ބާރުއަޅަމުންދާތީ ކަމަށާއި، އެމެރިކާއިން މިކަމުގައި ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅަންޖެހޭ ކަމަށް، އާދިއްތަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.