ޚަބަރު

ތުރުކީވިލާތުގެ އިސްތަމްބުލްގެ ވޯޓުފޮށިތައް އަލުން ގުނުމުގެ މަސައްކަތް ފަށައިފި


ހުސްވި ހަފުތާގެ އާދިއްތަ ދުވަހު ތުރުކީވިލާތުގައި ބޭއްވި ލޯކަލް އިންތިޚާބުގައި އެ ޤައުމުގެ އެންމެ ބޮޑު ރަށް ކަމަށްވާ އިސްތަންބުލްގައި ބަހައްޓާފައިހުރި ހުރިހާ ވޯޓު ފޮށިތަކެއްގެ ވޯޓުތަކުގެ ދެބައިކުޅަ އެއްބައި އަލުން ގުނާ ނިމިފައިވާއިރުވެސް އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ސާފު އަޣުލަބިއްޔަތެއް ދަމަހައްޓަވަމުން ގެންދަވާކަމަށް އިދިކޮޅު ޕާޓިން ބުނެފިއެވެ.

އިސްތަންބުލްގައި ބަހައްޓާފައިހުރި ހުރިހާ ވޯޓު ފޮށިތަކެއްގެ ވޯޓު ކަރުދާސްތައް އަލުން ގުނުމަށް ނިންމީ، އެކަމަށް އެދި، ވެރިކަންކުރާ އޭ.ކޭ ޕާޓީއިން ހުށަހެޅުމުންނެވެ. އަލުން ވޯޓު ގުނުމަށް އޭ.ކޭ ޕާޓީން ހުށަހެޅީ، ވޭތުވެދިޔަ ފަންސަވީސް އަހަރަށް ފަހު ފުރަތަމަ ފަހަރަށް، އިސްތަންބުލްގެ ކޮންޓްރޯލް، ވެރިކަންކުރާ އޭ.ކޭ ޕާޓީއަށް ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އިސްތަންބޫލްގައި ހަނިގޮތަކަށް އަޣުލަބިއްޔަތު ހޯދާފައިވަނީ ތުރުކީވިލާތުގެ މައި އިދިކޮޅު ޕާޓީންނެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭ.ކޭ ޕާޓީގެ ޑެޕިއުޓީ ޗެޔަރމަން ޢަލީ އިހުސާން ޔަވޫޒް ވިދާޅުވީ، ވޯޓު ކަރުދާސްތައް ފުރަތަމަ ގުނިއިރު އިދާރީ ގޮތުން އެކި އެކި ގޯސް ހަދާފައިވާ ކަމަށާއި، މިކަންކަމަކީ ގަސްދުގައި ކޮށްފައިވާ ކަންކަން ކަމަށް އެޕާޓީއިން ޤަބޫލުކުރާކަމަށެވެ.

އަދި މިކަމުގެ މައްސަލަ ތުރުކީވިލާތުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ މަޖިލީހަށް އެ ޕާޓީން ހުށަހަޅާނެކަމަށްވެސް ޔަވޫޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިސްތަންބުލްގެ މޭޔަރުކަމަށް ވާދަކުރައްވާ ދެބޭފުޅުންގެ ދެމެދު ވާ ފަރަޤު ހަނިނަމަ މިކަމުގައި ކާމިޔާބުވާ ފަރާތް ޔަޤީންކަމާއެކު ކަށަވަރުކުރަން ޖެހޭ ކަމަށާއި މިކަން ކުރުމަށް އޭ.ކޭ ޕާޓީން ފަސްނުޖެހޭނެ ކަމަށެވެ. އޭ.ކޭ ޕާޓީން ބޭނުންވަނީ އިސްތަންބުލްގެ ތިރީސް ނުވަ ޑިސްޓްރިކްޓްގެ ވޯޓު އަލުންގުނުމަށެވެ.