ޚަބަރު

އާސަންދަ ޕޯޓަލްގައި ރަޖިސްޓަރ ވުމަށް އިންޑިއާގައި ކޭމްޕެއް ފަަށައިފި


އާސަންދަ އެބްރޯޑް ޕޯޓަލްގައި، ރަޖިސްޓްރީވާން ބޭނުންވާ، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ކޭމްޕެއް ފަށައިފިއެވެ.

މި ކޭމްޕް ބާއްވަނީ އިންޑިއާގެ ތްރިވަނަމްތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް އޮފީހުގައެވެ. "އެބްރޯޑް ރެޖިސްޓްރޭޝަން ކޭމްޕް"ގެ ނަމުގައި ކުރިއަށްގެންދާ މިކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10އިން ރޭގަނޑު 22:00 އަށެވެ. އިންޑިއާގައި މިފަދަ ކޭމްޕެއް ކުރިއަށްގެންދާއިރު މިދިޔަމަހުގެ 29އިން މިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް އަވަށްޓެރި ސްރީލަންކާގައިވެސް ވަނީ މިފަދަ ކޭމްޕެއް ކުރިއަށްގެންގޮސްފައެވެ.

ސްރީލަންކާގައި ބޭއްވި މި ކޭމްޕްއިން އާންމުންގެ ބޮޑު ތަރުޚީބެއް ލިބިފައިވާއިރު 2500 އަށްވުރެ ގިނަ މީހުން މި ޕޯޓަލްގައި ރަޖިސްޓަރ ވެފައިވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ވައުދުތަކުގެ ތެރެއިން ސްރީލަންކާ އިންޑިއާއި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިޚިދުމަތަށް އެދޭ ފަރާތްތަކުން މިކަމަށް ރަޖިސްޓަރ ވުމަށް އެބްރޯޑް ޕޯޓަލްއެއް ޤާއިމްކޮށް ޕޯޓަލްގައި ރަޖިސްޓަރ ވުމަށް ހުޅުވާލާފައިވަނީ މިދިޔަ މާރޗް މަހުގެ 28ވަނަ ދުވަހުއެވެ. މިތިން ޤައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އޮންލައިންކޮށްވެސް ރަޖިސްޓަރ ވެވޭނެގޮތް ވަނީ ހަމަޖައްސާދީފައެވެ.