ޚަބަރު

ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ރަސްމީކޮށް ހުޅުވައިފި


ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ތަޢުލީމީ ދާއިރާއިން ދުނިޔޭގެ އެންމެ ކުރި އަރާފައިވާ އެއްޤައުމުކަމަށްވާ ފިންލޭންޑްގެ މަޝްހޫރު ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފިންލޭންޑުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހެރީ ކެމެރޭނިއަންއެވެ.

ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގެ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ވަރުގަދަކުރުމުގައި، އެންމެބޮޑު އިސްކަމެއްދެއްވާ އެއް ކަންތައް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ކާމިޔާބު ތަޢުލީމީ ނިޒާމެއް ތަރައްޤީކުރެވޭނީ، ކިޔަވައިދޭންތިބޭ ޓީޗަރުންނަކީ ފެންވަރު ރަނގަޅު ޓީޗަރުންނަށްވެގެންކަމަށެވެ. އަދުގެ ސަރުކާރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް ތަޢުލީމީ ނިޒާމުގެ ތަރައްޤީއަށް ޚާއްސަކުރައްވާފައިވާކަން ފާހަގަކުރައްވަމުން، މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ސްކޫލްތަކުގެ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ބޮޑު ޚަރަދުތަކެއް ކުރަމުންދާކަމަށެވެ.

ސަރުކާރުގެ މި މަސައްކަތުގައި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ، އަލަށް ހުޅުވި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއިއެކު ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ބަޖެޓްގެ ބޮޑު ބައެއް ތަޢުލީމީ ނިޒާމަށް ދީފައިވޭ. ދަރިވަރުންނަށް ރަނގަޅު އިރުޝާދު ދިނުން މުހިންމު. އެހެންކަމުން މިކަމަށް ކޮލިޓީ ޓީޗަރުންނަށް ވާންޖެހޭ. ސަރުކާރުގެ މިސްރާބަކީވެސް އެއީ. މި ސަރުކާރުން ސްކޫލްތަކުގެ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދެން." މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައ ވާހަކަފުޅުދައްކަވަމުން، ފިންލޭންޑުން ދެކުނު އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހެރީ ކެމެރޭނިއަން ވިދާޅުވީ، އަލަށް ޤާއިމުކުރި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކީ ރާއްޖެއާއި ފިންލޭންޑާއި ދެމެދުގައިވާ ގުޅުން ބަދަހިކޮށްދޭ ފާލަމެއް ކަމަށެވެ. އެގޮތުން މި ސްކޫލްގެ ޒަރިއްޔާއިން ރާއްޖޭގެ ތަޢުލީމީ ނިޒާމަށާއި، ދިވެހި ޒުވާން ޖީލަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

"ތަޢުލީމަކީ ތަރައްޤީގެ މައި މަގު. މި ސްކޫލަކީ ރާއްޖެއާއި ފިންލޭންޑް ގުޅުވައިދޭ ފާލަން. ރާއްޖޭގެ ތަޢުލީމީ ނިޒާމަށްވެސް މި ފާލަމުން ގިނަ ހެޔޮ އަސަރުތަކެއް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުދެން. އުންމީދަކީ ރައްޖޭގެ ތަޢުލީމީ ނިޒާމަކީވެސް ފިންލެންޑްގެ ތަޢުލީމީ ނިޒާމްފަދަ ވަރުގަދަ ނިޒާމަކަށް ވެގެންދިއުން." ސަފީރު ވިދާޅުވިއެވެ.

ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގައެވެ. އެއްބަސްވުމުގެދަށުން ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ ކެންގަރޫ ކިޑްސް ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލްގެ ހިންގުމާ އެއްގޮތައް ބަދަލުކޮށް ހުޅުވާފައިވާއިރު، ފިންލޭންޑް އިންޓަރނޭޝަނަލް ފްރެންޗައިޒްގެ މުޅިން އައު ސްކޫލެއް ހުޅުމާލޭގައި 2020 ވަނަ އަހަރު ހުޅުވުމަށް ވަނީ ހަމަޖެހިފައިވެއެވެ.