ސިޔާސީ

ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ސަލާންޖެހުން ހުއްޓުވުމަކީ، އެންމެ އިސްކަންދޭ ޞިއްޙީ ސިޔާސަތު


ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ ޞިއްޙީ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙު ދެއްވި ޙިތާބުގައި އެމަނިކުފާނު ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާރު ކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ، ޞިއްޙީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް، އެމީހަކު ދިރިއުޅޭ ރަށަކުން، އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ޞިއްޙީ ޚިދުމަތްދޭ، ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން މިހާރު ގުޅާލެވިފައިވާކަން ރައީސް ޞާލިޙު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިޙު ވިދާޅުވީ ވަކި ޖިންސަކަށް އަދި ޢުމުރަކަށް އަދި ނަސްލަކަށް ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ ޞިއްޙީ ޚިދުމަތަށް ސަރުކާރުން މިއަހަރު ކަނޑައަޅާފައިވާ އަމާޒު ކަމަށެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރުގެ ދަށުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ، [އިބްތިދާއީ ޞިއްޙީ ޚިދުމަތް] ފުޅާކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް، ހަމަހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދެވޭ ޚިދުމަތެއް ކަމަށް ރައީސްގެ ޙިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި، ފުރިހަމަ ޞިއްޙީ ޚިދުމަތަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ޙައްޤެއް ކަމަށާއި ނަމަވެސް އެއީ ދިވެހިރާއްޖެއިން މާކުރިއްސުރެ ޤަބޫލުކޮށް ނަގަހައްޓަމުން އަންނަ އަސާސެއް ކަމަށް ރައީސްގެ ޙިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އިބްތިދާއީ ޞިއްޙީ ޚިދުމަތްތަކުގެ ތެރެއިން ގިނަ ޚިދުމަތްތައް، ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މައިންނާއި ޅަދަރީންނަށް ބޭނުންވާ ވެކްސިން ދިނުމާއި، މާބަނޑު ދުވަސްވަރުގެ ފަރުވާތައް ދެމުން އަންނަނީ މުޅިން ހިލޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަނގަޅު ޞިއްޙީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުޙަލާއަކީ، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ޙާޞިލުކުރެވޭނީ، ޢާންމު ޞިއްޙަތާމެދު، އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.

ޢާންމު ޞިއްޙަތުގެ ހޭލުންތެރިކަމުން ފެށިގެން، ބޭސްފަރުވާގެ ކަންތައްވެސް ޝާމިލުވާ، ވަށައިޖެހިފައިވާ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި، އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށް ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ ގޮވައިލައްވާފައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ޙަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.